ކޮވިޑް 19

ވުހާންގައި ތިބި ދިވެހިން އެސިޓީން ބޭރަށް ގެންދެވޭތޯ މަސައްކަތް ކުރަނީ

ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކޮށް އެމީހުން އެސިޓީން ބޭރަށް ގެންދެވޭނޭ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން، ވައިރަސްގެ އަސަރު އެންމެ ބޮޑަށް ފެތުރިފައިވާ ވޫހާން ސިޓީގައި ތިބި ދިވެހިންގެ ހާލު މިނިސްޓްރީ އާއި ބެއިޖިންގައި ހުންނަ ދިވެހި އެމްބަސީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި އެ ސިޓީގައި ތިބި ހަތް ދިވެހިންގެ ހާލު ވެސް ރަނގަޅު ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން ޗައިނާގެ އެކި ސިޓީތަކުގައި ތިބި ދިވެހިން ވަކިން ހާއްސަކޮށް ދިވެހި ކިޔަވާކުދިންގެ މައުލޫމާތު ހޯދައި، އެކުދިންނާއި ގުޅެން ހުރި އެކި ވަސީލަތްތައް މެދުވެރިކޮށް ކުދިންގެ ހާލު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ވޫހާންގައި ތިބި ދިވެހިން އެސިޓީން ބޭރަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ ގޮތުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޒަންއާ މިއަދު މަޝްވަރާ ކުރެއްވިއެވެ.

ހަމަ މިކަމާ ގުޅޭގޮތުން، ބެއިޖިންގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން ޗައިނާގެ ފޮރިން މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކާއެކު ވެސް މަޝްވަރާ ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

"ވޫހާން ސިޓީގައި ތިބި ބޭރުގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ދެއްވާފައި. އަދި ދަރިވަރުން ކިޔަވަމުންގެންދާ ޔުނިވާސިޓީތައް މެދުވެރިކޮށް އެ ކުދިންގެ ހާލުބަލައި އެހީތެރިކަން ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން ދިވެހި ކިޔަވާކުދިންގެ ކަންތައްތައްވެސް ބައްލަވާނެކަމުގެ ފުރިހަމަ ޔަގީންކަން ޗައިނާ ސަރުކާރުން ވަނީ ދެއްވާފައެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ، ޗައިނާގެ އެކި ހިސާބުތަކަށް މިވައިރަސް ފެތުރެމުންދާ މި ދަނޑިވަޅުގައި، އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތްތަކުގައި އެކަންކުރުމަށްޓަކައި، ޗައިނާގެ އެކި ސަރަހައްދުތަކުގައި ތިބި ދިވެހިން، އެފަރާތްތަކާއި ގުޅޭނެ މައުލޫމާތު މިނިސްޓްރީއަށް ނުވަތަ ބެއިޖިންގައި ހުންނަ ދިވެހި އެމްބަސީއާ ހިއްސާކުރެއްވުމަށް އެދޭ ކަމަށެވެ.