ކުއްލި ޚަބަރު

14 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި ހަތަރު މީހުން ހައްޔަރުކޮށްފި

މެދު ރާއްޖެތެރޭގެ ރަށެއްގައި ތިން ފިރިހެނުންގެ ގްރޫޕަކުން 14 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަނުގެ ރަށެއްގައި ތިން ފިރިހެނުންގެ ގްރޫޕަކުން 17 އަހަރުގެ އަންހެން ކުއްޖެއް ގޭންގު ރޭޕްކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭގައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ، ރޭޕްގެ ޝިކާރައަކަށް ވެފައިވަނީ 14 އަހަރުގެ ކުއްޖެއް ކަމަށެވެ. އަދި މައްސަލަ ހުށަހެޅިފައިވަނީ ތުހުމަތު ކުރެވޭ މީހުން ކަމަށް ބުނި ނަމަވެސް ތަހުގީގުގެ ތެރެއިން އިތުރު މީހަކު މިއަދު އައިޑެންޓިފައި ކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން އެ މައްސަލައިގައި ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުގެ ފިރިހެނެކެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.

ފުލުހުން ވަނީ މިފަދަ މައްސަލަތަކަކީ ވަރަށް ސީރިއަސްކަމާއެކު ފުލުހުން ބަލަމުން އަންނަ މައްސަލަތަކެއް ކަމަށް ބުނެފައެވެ. އަދި ކުދިންގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން މިފަދަ މައްސަލަތަކުގައި ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

މިމަހުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ގިނަ މައްސަލަތަކެއް ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ. އެގޮތުން ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ވަނީ އެ ކުއްޖާގެ ބައްޕަ އާއި ކާޕަ އަދި މުނި ކާފަ ހައްޔަރުކޮށްފައެވެ. އެކުއްޖާގެ ބައްޕައަށް ކުރަނީ ކުއްޖާއަށް އިހުމާލުވުމުގެ ތުހުމަތެވެ. އަދި އެކުއްޖާގެ ކާފަ އާއި މުނި ކާފައަށް ކުރަނީ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ.

އެއަށްފަހު ދެކުނުގެ ރަށެއްގައި ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 56 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 80 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ އިރު، ގާނޫނާ ހިލާފަށް ކޯޓުން ބޭރުގައި 15 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނިކޮށްގެން ކަމަށް ބުނެ، އެކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 59 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އޭގެ އިތުރުން ދެކުނުގެ ރަށެއްގައި ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އިއްޔެ 76 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ އިރު، 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އިއްޔެ ވަނީ ސިފައިންގެ މީހަކު ވެސް ހައްޔަރުކޮށްފައެވެ.