ފުރާނަ އަތް މައްޗަށް ލައިގެން، ފެންބޮޑުވެފައިވާ ބުރިޖެއްގެ މަތީގައި ހުއްޓިފައި އޮތް އެމްބިއުލާންސަކަށް މަގު ދައްކައިދިން ކުއްޖެގެ ވީޑިއޯ ވަރަށް ގިނަ ބަޔަކު ދެކިފައި ހުންނާނެއެވެ. އެވާހަކަ ކިޔާފައިވެސް ހުރެދާނެއެވެ. އެއީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ކާނަޓަކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ކާރިސާގެ ތެރެއިން ހިނގައިދިޔަ އެންމެ ގިނަ ބައެއް ތައުރީފު ލިބުނު އެއް ހާދިސާއެވެ.
އެ ވީޑިއޯގައި ފެންނަނީ ކްރިޝްނާ ކޯރު ކައިރީގައި ރަހުމަތްތެރިންތަކަކާއެކު ކުޅެން ތިބި ކުދިންތަކެއްގެ ތެރެއިން ގުރޭޑް ހައެއްގައި ކިޔަވަމުންދާ އުމުރުން އެންމެ 12 އަހަރުގެ ވެންކަޓޭޝް، ފެންބޮޑުވުމުގެ ސަބަބުން ދެވޭ ނުދެވޭ ގޮތެއް ނޭނގި ބުރިޖު މައްޗަށް ހުއްޓިފައި އޮތް އެމްބިއުލާންސަކަށް މަގު ދައްކައިދޭ ތަނެވެ.
އޭރު އެ އެމްބިއުލާންސް ތެރޭގައި މަރުވެގެން ގެންދާ މީހަކާއި އިތުރު ހަތަރު މީހުން ތިއްބެވެ.
އެ ހާދިސާއަށްފަހު ވެންކަޓޭޝް ބުނެފައިވަނީ، އެކަން ކޮށްދެއްވުނީ އޭނާގެ ކެރުންތެރިކަމުން ކަން ބުނަން ނޭނގޭ ކަމަށާއި ބޭނުންވީ ޑްރައިވަރަށް އެހީވުމުގެ ގޮތުން ކަމަށެވެ.
ނަމަވެސް ވެންކަޓޭޝްގެ އެ ކެރުންތެރިކަމާއި އިސްނެގުމަށް އިންޑިއާއިން މިހާރު ވަނީ އޭނާއަށް ނޭޝަނަލް ބްރޭވަރީ އެވޯޑް ދޭން ނިންމައިފައެވެ. ދަ އިންޑިއަން ކައުންސިލް އޮފް ޗައިލްޑް ވެލްފެއާ ނޭޝަނަލް ބްރޭވަރީ އެވޯޑްްސް 2019 ދޭނީ އަންނަ އާދީއްތަ ދުވަހު އިންޑިއާގައި ފާހަގަކުރާ ޖުމްހޫރީ ދުވަަހުގެ ހަފްލާގައެވެ.
އެ ހަފްލާގައި އިންޑިއާގެ އެކިކަންކޮޅުތަކުން ކެރުންތެރިކަމުގެ އަމަލެއް ހިންގި 22 ކުއްޖަކަށް މެޑެއްޔާއި ސެޓްފިކެޓް އަދި ފައިސާގެ އިނާމު ދޭނެއެވެ. އޭގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ތައުލީމީ ސްޕޮންސާޝިޕެއް ވެސް ލިބުން އެކަށީގެންވެއެވެ.
ނޭޝަނަލް ބްރޭވަރީ އެވޯޑް ވެންކަޓޭޝްއަށް ލިބޭއިރު އޭނާއަކީ ކާނަޓަކާ އިން އެ އެވޯޑް ލިބޭ ދެވަނަ ކުއްޖާއެވެ. ދެވަނަ އެވޯޑް ލިބެނީ އުމުރުން ނުވަ އަހަރުގެ ކުއްޖަކަށެވެ. އަރާތީ ނަމަކަށް ކިޔާ އެކުއްޖާއަށް އެވޯޑް ދޭން ނިންމާފައިވަނީ ބޭބެއާއެކު ގެއިން ބޭރުގައި ކުޅެން ހުއްޓާ، ބޭބެއާ ދިމާލަށް ދުވެފައި އައި ގެރިއެއްގެ ކައިރިން ސަލާމަތް ކޮށްދިނުމުންނެވެ.