ކުއްލި ޚަބަރު

ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކަށް އަނިޔާކޮށް، ވިލިމާލޭގައި އިހުތިޖާޖު ކުރަނީ

ވިލިމާލޭގައި ބާރަ އަހަރުގެ ކުޑަކުއްޖަކަށް މަސްތުގެ ހާލަތުގައި ހުރެ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ އެކުއްޖާގެ ބައްޕައަށް އަނިޔާކޮށް، އޭނާ އާންމުންނާ ހަވާލުކުރަން ގޮވާލައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ވިލިމާލޭގައި ހުރި "ވަން"ގެ ނޫސްވެރިއަކު ބުނީ، ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހާއަށް އަނިޔާކުރުމުން ފުލުހުން ވަނީ އޭނާ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ހޮސްޕިޓަލުގެ އެމަޖެންސީގައި އޭނާއަށް ފަރުވާ ދެމުންދާއިރު ގިނަ އަދަދެއްގެ އާންމުން ވަނީ ހޮސްޕިޓަލު ކައިރިއަށް އެއްވެ، އޭނާ އާންމުންނާ ހަވާލުކުރުމަށް ގޮވާލަމުންނެވެ.

އެގޮތުން ބައެއް އާންމުން ވަނީ ހޮސްޕިޓަލުގެ އެތެރެއަށް ވެސް ވަދެގަނެފައެވެ. ނަމަވެސް ފުލުހުން މިހާރު ވަނީ ހޮސްޕިޓަލަށް ނުވަދެވޭ ގޮތަށް އެތަނުގެ ދޮރުމަތި ބަންދުކޮށްފައެވެ. އާންމުންނާއި ފުލުހުންނާ ދޭތެރޭ މާބޮޑު ހަމަނުޖެހުމެއް ނުހިނގައެވެ.

ވަންގެ ނޫސްވެރިޔާ ބުނީ، ހޮސްޕިޓަލު ކައިރިއަށް އެއްވެފައި ތިބި އާންމުން ދަރިފުޅަށް ޖިންސީ ގޯނާކުރި ބައްޕައަށް ހިމާޔަތް ނުދިނުމަށާއި އޭނާ އާންމުންނާ ހަވާލުކުރުމަށް ގޮވާލަމުންދާ ކަމަށެވެ. އަދި އޭނާ ގެންދިޔަ ނުދިނުމަށް ހޮސްޕިޓަލުގެ އެކި ދިމާލުގައި އާންމުން އެއްވެފައި ތިބި ކަމަށް މައުލޫމާތުދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުންގެ އިތުރު ފުލުހުން ވިލިމާލެއަށް ގޮސް ހޮސްޕިޓަލުގައި އޮތް މީހާ ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން މިހާރު ވަނީ ގެންގޮސްފައެވެ. ނަމަވެސް ގެންގޮސްފައިވަނީ ކޮންތަނަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.