ކުއްލި ޚަބަރު

އިތުރު ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެ

ރާއްޖޭގައި ފެތުރެމުންދާ ހިމަބިއްސަށް އިތުރު ދެ މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އިއްޔެ ހިމަބިއްސަށް ޓެސްޓުކުރި ނުވަ ފަރާތަކުން އެއްވެސް ފަރާތެއްގެ ގައިން އެބަލި ފެނިފައިނުވާ ކަމަށެވެ. ނަމަވެސް މިއަދު ޓެސްޓުކުރި ނުވަ މީހުންގެ ތެރެއިން ދެ މީހަކު އެބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެއީ ކޮން އުމުރެއްގެ ބައެއް ކަމެއް އަދި އެމީހުން މީގެ ކުރިން އުޅުނީ ކޮންތަންތަން ކަމެއް އެޗްޕީއޭ އަކުން ހާމައެއް ނުކުރެއެވެ.

މި ދެ ކޭސްއާއެކު ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ ހައަކަށް އިތުރުވެފައެވެ.

ރާއްޖެއިން ހިމަބިހި ނައްތާލާފައި ވަނިކޮށް އަލުން އެ ބަލި މީހަކަށް ޖެހި ފެތުރެން ފަށާފައިވާ ކަން އިއުލާން ކުރީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގައެވެ. އަދި ހިމަބިހި ފެތުރުން ކޮންޓްރޯލު ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައި، ވެކްސިން ޖެހުމަށް ތިން މަސް ދުވަހުގެ ޕްރޮގްރާމެއް ވަނީ ފަށައިފައެވެ.