ޖިންސީ ގޯނާއާ ބެހޭ ސިފައިންގެ މީހާގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ނުވަތަ ފުލުހުން ވެސް ކުރިޔާލާ ހިއްސާކުރި ނަމަ އެ މީހާ މެދު ސިފައިގެން އުސޫލު ތަކުގެ ތެރެއިން ފިޔަވަޅު އެޅުން އަވަސް ކުރެވުނީސް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން މިހެން މި ބުނީ ސިފައިންގެ މީހަކު 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ އާއި ބްލެކްމެއިލް ކޮށް ރޭޕުކުރި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވަނިކޮށް ދާދި ދެންމެ ނެރުނު ނޫސްބަޔާނެއްގަ އެވެ.
އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން 15 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ސިފައިންގެ މީހާގެ މައުލޫމާތު ފުލުހުން ހިއްސާ ކުރީ ރޭ އަށެއް ޖެހި އިރު އެވެ. އަދި އެވަގުތުން ފެށިގެން އެމްއެންޑީއެފްގެ ކަމާ ބެހޭ ކޮމިޓީ ބައްދަލުކުރުމަށް ފަހު ސިފައިންގެ މީހާ ސަސްޕެންޑް ކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި ބުނީ، ސިފައިންގެ ދެމީހަކު 15 އަހަރުގެ ކުއްޖަކު ރޭޕްކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވުމާ ގުޅިގެން އެއީ ކާކުކަން ހޯދަން އެ މެންބަރުގެ އަރިހުގައި އެދުނު ކަމަށެވެ. އެ ދެމީހުންނަކީ ކޮން ބައެއްކަން އެނގޭނީ ފުލުހުންނަށް ކަމަށް އެ މެންބަރު ވިދާޅުވުމާ ގުޅިގެން، މިފަދަ ތުހުމަތެއް ކުރެވޭ ސިފައިގެން ދެމީހަކު ވާ ނަމަ އެބަޔަކާ ގުޅޭ މައުލޫމާތު ދިނުމަށް 18 ޖެނުއަރީގައި ފުލުހުންގެ އިދާރާގައި ވެސް އެދުނު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ސިފައިންގެ ދެ މީހުން ޔުނީފޯމް ލައިގެން އޮފީހަށް ގޮސް ގޮސް ތިބޭއިރު، ރޭޕް ކުރި ކުއްޖާގެ މައްސަލަ ކުރިއަށް ނުގޮސް އަދިވެސް އެބަ އޮތް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ މެންބަރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅީ މި މަހުގެ 18 ވަނަ ދުވަހު އޮތް އެ ކޮމެޓީގެ ބައްދަލުވުމެއްގަ އެވެ.
އެމްއެންޑީއެފްގެ ބަޔާނުގައި އިތުރަށް ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ވިދާޅުވީ ސިފައިންގެ ދެމީހެއްގެ ވާހަކަ ކަމަށް ވާތީ، މިއަދާ ހަމަޔަށް އައި އިރުވެސް މި މައްސަލައިގައި ހިމެނޭ ކަމަށް މަޖިލިސް މެންބަރު އެ ވިދާޅުވާ ސިފައިންގެ ދެވަނަ މީހަކު މި މައްސަލައިގައި ހިމެނޭކަން ނުވަތަ ނޫންކަން އަދި މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވަނީ ކޮން ތާރީހެއްގައިކަން ވެސް ފުލުހުން ހިއްސާކުރި މައުލޫމާތުން ސާފު ނުވާ ކަމަށެވެ.
"އަދި ދަންނަވަމެވެ. ސިފައިންގެ މީހަކާ މެދު މިބާވަތުގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ ކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަށް ލިބިވަޑައިގަތުމުން އެ މައުލޫމާތު މި މުއައްސަސާ އާއި ހިއްސާ ކުރެއްވި ނަމަ އަދި ފުލުހުންގެ އިދާރާއިން ވެސް ސިފައިންގެ މީހަކާ މެދު މިފަދަ މައްސަލައެއް ބައްލަވާކަމުގެ މައުލޫމާތު މި މުއައްސާއަށް ހިއްސާ ކުރެއްވި ނަމަ، މި މުއައްސަސާގެ ގަވައިދު ތަކުގައިވާ ގޮތުގެ މަތީން މި މުއައްސަސާއިން ވަގުތުން ބަލައި، ވަގުތުން ފިޔަވަޅު އެޅުނީހެވެ. އެހެން ކަމާ އެކު، މި މައުލޫމާތު މި މުއައްސަސާއަށް ކުރިން ހިއްސާ ކުރައްވާފައި ނުވާތީ، ނުހަނު ހިތާމަކުރާ ވާހަކަ ދަންނަވަމެވެ." އެމްއެންޑީއެފްގެ ބަޔާން ނިންމައިލަމުން ބުނެފައި ވެއެވެ.