ސިޔާސީ

ކަންކަން ލަސްވަނީ ވުޒާރާތަކާއި މުއައްސަސާތަކުގައި ތިއްބަވާ އެހެން ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުންގެ ސަބަބުން: ނަޝީދު

އިބްރާހިމް ޒަކީ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދާ ކަންކަން ލަސްވަނީ، ރައީސް ކަމަކާ ދެކި ވަޑައިގަންނަވާ ގޮތާއި، ސަރުކާރުގައި ތިއްބަވާ ވުޒާރާތަކާއި ބައެއް މުއައްސަސާ ތަކުގައި ތިއްބަވާ، ބޭފުޅުން ކަންކަން ކުރިއަށް ގެންދަވަން ދެކެވަޑައިގަންނަވާ ގޮތާ ފުށުއަރާތީ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކ. ގުރައިދޫ އެމްޑީޕީ ހަރުގެ ހުޅުވުމަށް އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ގުރައިދުއަށް ސާފު ބޯފެން ސަރުކާރުން ފޯރު ކޮށްދީ، އެކަން ކަށަވަރު ކޮށްދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އުޅުއްވި ގޮތް އެއީ އެއްވެސް ބަޔަކަށް އެނގޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީ ވެރިކަމުގައި އޮތީ އިއްތިހާދެއްގައި ކަމަށާއި، ބައެއް ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ހިިންގަނީ އެމްޑީޕީގެ މެންބަރުން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ސަރުކާރުގެ މަޝްރޫއު ތަކަށާއި، އެމްޑީޕީގެ އަމާޒުތަކާ ބެހޭ ގޮތުން އޮންނަ ރައީސް ގެ ވިސްނުންފުޅަށް ހުއްޓުން އައިސް ހުރަސް އެޅޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ އިއްތިހާދެއްގައި، ބައެއް ވުޒާރާތައް އަދި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ހިިންގަމުންގެންދަނީ އެމްޑީޕީގެ މެންބަރުންނެއް ނޫން، އެއީ މިކަން އޮތް ގޮތް، އެހެންވީމާ އަޅުގަނޑުމެންގެ މަޝްރޫއު ތަކަށް، އަދި މިޕާޓީގެ އަމާޒުތަކަށް ރައީސުލް ޖުމްހޫރިއްޔާގެ ވިސްނުންފުޅަށް، ވަރަށްގިނަ ފަހަރަށް ހުއްޓުން އާދޭ، ވަރަށްގިނަ ފަހަރަށް ހުރަސް އާދޭ، ރައީސް ކަމަކާ ދެކި ވަޑައިގަންނަވާ ގޮތާއި، އަދި ދެން އެހެން، ސަރުކާރުގައި ތިއްބަވާ ވުޒާރާތަކާއި ބައެއް މުއައްސަސާތަކުގައި ތިއްބަވާ، ބޭފުޅުން ކަންކަން ކުރިއަށް ގެންދަވަން ދެކެވަޑައިގަންނަވާ ގޮތާ ފުށުއަރާ އެރުން އެއީ ކަންތައްތައް ލަސް ވުމުގެ އެންމެބޮޑު ސިއްރަކީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮންމެ ކުންފުންޏެއްގައި ތިބޭ މީހުންނަށް، އިތުރަށް އިރުޝާދު ދެއްވަން ރައީސަށް ޖެހިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރައީސަށް އެބަ ޖެހިވަޑައިގަންނަވާ ކޮންމެ ކުންފުންޏެއްގައި ހުންނަ ކޮންމެ ކާތިބަކަށް ވެސް ޕިޔޯނަކަށް ވެސް މަސައްކަތު މީހަކަށް ވެސް އަނެއްކާ ވެސް އިތުރު އިރުޝާދެއް ދެއްވަން، މީގެން ކޮންމެ ކުންފުންޏެއް ހިންގުމާ ވެސް، އަދި ކޮންމެ ވުޒާރާއެއް ހިންގުމާ ވެސް ހަވާލުވެވަޑައިގެން ތިއްވާ ބޭފުޅުން ތިއްބަވާ،" ރައީސް ނަޝިދު ވިދާޅުވިއެވެ.

ސަރުކާރު ކޯލީޝަންގައި ހިމެނޭ ޕާޓީތަކަށް ރައީސް ނަޝީދު ގެންދަަވަނީ ތަކުރާރުކޮށް ފާޑު ވިދާޅުވަމުންނެވެ.

އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ވާހަކަފުޅަކީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ސަަބަބުން އެމްޑީޕީ ބޭނުންވާ ގޮތަށް ކަންތައްތައް ނުދާ ވާހައެވެ.