ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ވެސް ބުނީ، 14 އަހަރުގެ އަންހެން ކުއްޖަކާމެދު ޖިންސީ ގޯނާކުރުމާއި ބުލެކްމެއިލް ކުރުމާއި އަދި ރޭޕް ކުރުމުގެ ތުހުމަތުގައި މިއަދު 18:30 އެހާކަންހާއިރު އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އެއީ ސިފައިންގެ މީހެއް ކަމެއް ފުލުހުން ނުބުނެއެވެ.
އެމްއެންޑީއެފުން މީގެ ކުރިން ވަނީ، ސިފައިންގެ މީހެއްގެ ފަރާތުން ކުޑަކުދިންނަށް ޖިންސީގޯނާކުރުން ފަދަ ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ހިނގާފައިވާކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން އެ މުއައްސަސާއާ ހިއްސާކޮށްފިނަމަ އެ މައްސަލައެއް ވަގުތުން ބަލައި ވަގުތުން ފިޔަވަޅު އަޅާނެ ކަމަށެވެ.