ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 76 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދުއެވެ.
މި މައްސަލައިގައި މިއަދު 13:00ގައި ހައްޔަރުކޮށްފައިވަނީ 76 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ސައުތު ސެންޓްރަލް ޑިވިޝަންގައި ހިމެނޭ ރަށަކުން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ވަނީ މިފަދަ މައްސަލަތަކަކީ ވަރަށް ސީރިއަސްކަމާއެކު ފުލުހުން ބަލަމުން އަންނަ މައްސަލަތަކެއް ކަމަށް ބުނެފައެވެ. އަދި ކުދިންގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން މިފަދަ މައްސަލަތަކުގައި ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރާނެ ކަމަށް ފުލުހުން ބުނެއެވެ.
މިކަމާ ގުޅިގެން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު އިބްރާހީމް މުހައްމަދު ވިދާޅުވީ މި މައްސަލަ ޖެންޑާ މިނިސްޓްރީއަށް މިމަހު ފަސްވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާރު މި ކުޑަކުއްޖާ ހުރީ އޭނާގެ މަންމަގެ ބެލުމުގެ ދަށުގައި ރައްކާތެރި މާހައުލެއްގައި ކަމަށް އިބްރާހީމް ވިދާޅުވިއެވެ.