އަބްދުއްލަތީފް މުހައްމަދު

ލަތީފް، ނިހާނަށް: ޔާމީން އެންމެ އަރިސް ޑޮކްޓަރެއްގެ ގޮތުގައި ހުންނެވި އިރު ހުރިހާ ކަމެއްވީ ފެއިލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެންމެ އަރިސް ޑޮކްޓަރެއްގެ ގޮތުގައި ހުންނެވި އިރު ހުރިހާ ކަމެއް ފެއިލްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ލަތީފް ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވަޒީރުންނަށް ކުރެވޭ ގޯސްތައް ދެނެގަންނަން ތިބި ބަޔަކީ މިއަދު ޕީޕީއެމްގެ މަޖިލިސް މެމްބަރުން ކަމަށް އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެފައިވުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.

ލަތީފް ވިދާޅުވީ ވަރަށް ގިނަ ކަންކަން ކުރާނަމޭ ބުނެފައިވީ ނަމަވެސް އެކަންކަން ކުރެވިފައި ނުވާ ކަމަށާއި 12 މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭނެއޭ ބުނި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އަބްދުﷲ މަސީހު މުހައްމަދު ބޭރު ނުކުރެވޭނެއޭ ވެސް ބުނި ކަމަށް ލަތީފް ވިދާޅުވިއެވެ.

"ރައީސް ޔާމީން އެންމެ އަރިސް ޑޮކްޓަރަކަށް ވެގެން އުޅުނު އިރު ކުރި ހުރިހާ އޮޕަރޭޝަނަށް އޮތީ ފެއިލްވެފަ. ގިސާސް ހިފާނަމޭ ވެސް ބުނި. ދެ ދައުރަށް ވުރެ އިތުރަށް ވެސް ރައީސް ޔާޟީން ވެރިކަމުގައި ބަހައްޓާނަމޭ ބުނި. ބޮޑު ތަފާތުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނަމޭ ވެސް ބުނި. ބަޖެޓް ކޮމިޓީގެ މުގައްރިރު ކަން ކުރާނަމޭ ވެސް ބުނި. ހުރިހާ ކަމެއް ފެއިލް ވީމަ ދެން ކޮން މޮޅު ވާހަކައެއްތޯ؟،" ލަތީފް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ އާ ވަޒީރުންގެ މަސައްކަތްތައް ކުރެއްވުމަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ.