ދުނިޔެ

ޚަޝޯގީގެ މަރުގެ ތުހުމަތުކުރެވޭ ވަލީއަހުދާއި ދެކޮޅަށް ޝާހީ އާއިލާ ނިކުމެއްޖެ

މުހައްމަދު އައުޒަމް

އަނިޔާވެރިކޮށް މަރާލަފައިވާ ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ ފަހަތުގައި އެންމެ އިސްކޮށް ހުރިކަމަށް ތުހުމަތު ކުރެވޭ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާ ދެކޮޅަށް ސައުދީ ޝާހީ އާއިލާއިން ނިކުމެއްޖެއެވެ.

ސައުދީ ރަސްގެފާނު ސަލްމާން އަށް ފަހު ސައުދީގެ ތަހުތުގެ ރަސްކަން ލިބިގެން ދާނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށެވެ. ނަމަވެސް ޚަޝޯގީގެ މަރުގެ މައްސަލައިގެ ސީދާ ތުހުމަތު ކުރެވެމުންދާ ދަނޑިވަޅެއްގައި ސައުދީ ޝާހީ އާއިލާގެ އިސް ބޭފުޅުންތަކެއް ވަނީ ސަލްމާން އަށް ރަސްގެފާނުގެ މަގާމު ނުލިބޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ. މިކަމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށް ސައުދީ ޝާހީ ކޯޓާ ހަވާލާދީ ރޮއިޓާސް އިން ބުނެއެވެ.

އެމެރިކާއިން ވަނީ ސައުދީ ވަލީ އަހުދު ކަމަށް ތާއީދު ކުރަނީ ސައުދީ ވަލީއަހުދު އަހުމަދު ބިން އަބްދުލް އަޒީޒަށް ކަމަށް އެގައުމުގެ އިސް އޮފިޝަލުންނަށް އަންގާފައެވެ.

ސައުދީ ވަލީއަހުދު އަހުމަދު ބިން އަބްދުލް އަޒީޒަކީ ސައުދީ ރަސްކަމުގެ ޑެޕިއުޓާ އިންޓީރިއާ މިނިސްޓަރުކަމުގައި 40 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަބްދުލް އަޒީޒް ފާހަގަ ކުރެވެނީ ސައުދީ ޝާހީ ވެރިކަމާއި ހާއްސަކޮށް ރަސްގެފާނުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ.

ޚަޝޯގީގެ މައްސަލަ ފެންމަތިވުމާއެކު ޝާހީ އާއިލާގެ އިސް މެމްބަރުން ވަނީ ސައުދީ ޝާހީ ވެރިކަން ހައިރާކީ ގޮތުން ބަދަލު ކުރެވޭނެ ގޮތް ހޯދުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް 82 އަހަރުގެ ރަސްގެފާނު ސަލްމާން ދުނިޔޭގައި ހުންނަވަނިކޮށް އެކަން ބަދަލު ނުކުރެވޭނެތީ އެކަން ވަނީ ނާކާމިޔާބު ވެފައެވެ. އޭގެ ސަބަބެއްކަމުގައި އެބޭފުޅުން ދެކެނީ ސައުދީ ރަސްގެފާނުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ވަލީ އަހުދު ސަލްމާން ހުންނަވާތީއެވެ.

ޚަޝޯގީގެ މަރުގެ މައްސަލައިގައި ސައުދީގެ ޝާހީ އާއިލާ އަށް ބޮޑެތި ފިއްތުންތަކެއް ވަނީ ކުރިމަތިވެފައެވެ.