ނޭވާގެ ނިޒާމަށް އަސަރުކުރާ ކޮރޯނާ ވައިރަސް އާއިލާގެ ނޮވެލް ކޮރޯނާ ވައިރަސް ރާއްޖެއަށް އައުމުގެ ފުރުސަތު އޮތުމުން އެކަމަށް ސަމާލުވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިކަމަށް އިލްތިމާސްކޮށްފައި ވަނީ މިއަދު އާންމުކުރި ނޫސްބަޔާނެއްގައެވެ.
މި ވައިރަސްއަކީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީގައި ފެތުރެމުންދާ ވައިރަސް އެއް ކަމަށާއި ޗައިނާގައި މި ބަލި އުޅޭ ސަރަހައްދުން ބަލި ޖެހިފައިވާ 142 މީހުން މިހާތަނަށް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އަދި މި ބަލީގައި ދެމީހަކު މަރުވެފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ބުނީ ޗައިނާގައި މި މި ވައިރަސް އައުޓްބެރޭކްވި ސަރަހައްދަކީ ސީފުޑާއި ޖަނަވާރު ވިއްކާ މާރުކޭޓު ސަރަހައްދެއް ކަމަށެވެ. އަދި މި ބަލި ޖެހިފައި ވަނީ އެ މާރުކޭޓުގައި މަސައްކަތް ކުރާ މީހުންނަށާއި އެ މާރުކޭޓަށް ޒިޔާރަތް ކުރާ މީހުންނަށް ކަމަށް ވެސް އެޗްޕީއޭއިން ފާހަގަކޮށްފައި ވެއެވެ.
ޗައިނާގެ އިތުރުން ޖަޕާނާއި ތައިލޭންޑުން ވެސް މި ބަލި ފެނިފައިވާ ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ތައިލެންޑުން ބަލި ފެނުނު މީހަކީ ނޮވެލް ކޮރޯނާ ވައިރަސް އައުޓްބްރޭކްވި ސަރަހައްދަށް ޒިޔާރަތް ކުރި މީހެއް ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
މިހާރު ޑަބްލިއުއެޗްއޯ އިންވެސް ބަލި ރާއްޖެއަށް އަތުވެދާނެ ކަމަށް ސަމާލުވެ ތިބުމަށް އަންގާފައިވާ ކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ. އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން ޗައިނާއަށް ދަތުރުކުރާ ފަރާތްތަކުން އަމަލު ކުރަންވީ ގޮތް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އެގޮތުން ދޫނިސޫފާ ސޫތްޕާއި ޖަނަވާރު ގެންގުޅޭ ނުވަތަ ވިއްކާ އަދި ކަތިލާ ސަރަހައްދު ތަކަށް ނުދިއުމާއި މި ވައިރަސްގެ ސަބަބުން ބަލިވެފައިވާ މީހުން ކައިރީ ނުއުޅުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އަދި ކެއްސައި ކިނބިހި އަޅާއިރު ޓިޝޫއަކުން އަނގަ އާއި ނޭފަތް ރަނގަޅަށް ނިވާކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
މީގެ އިތުރުން ޗައިނާގައި މި ބަލި ފެތުރޭ ސަރަހައްދުތަކަށް ދަތުރު ކުރުމަށްފަހު ހުން އައިސް ނޭވާލާން އުނދަގޫ ވާނަމަ އަމަލު ކުރަންވީ ގޮތް ވެސް އެޗްޕީއޭއިން ވަނީ އާންމުކޮށްފައެވެ. އެގޮތުން މާސްކް އަޅައިގެން އުޅުމުގެ އިތުރުން، ސިއްހީ ހިދުމަތް ލިބިގަތުން ނޫން ގޮތަކަށް ބޭރަށް ނުނިކުތުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ވީހާވެސް އަވަހަކަށް ސިއްހީ ފަރުވާ ހޯދައި، ހިދުމަތް ހޯދަން ދާއިރު ފާއިތުވި 14 ދުވަހު ދަތުރުކޮށްފައިވާ ގައުމުތަކާއި ޓްރާންސިޓްކޮށްފައިވާ ތަންތަނުގެ މައުލޫމާތު ސިއްހީ ފަރުވާ ދޭ މީހާއަށް ދިނުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކޮށްފައި ވެއެވެ.
އެޗްޕީއޭއިން ބުނީ މި ބަލީގެ ހާލަތު މޮނިޓަ ކުރަމުން އަންނަ ކަމަށެވެ. އަދި ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.