މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ބަނގްލަދޭޝުން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 3000 އިން މައްޗަށް އަރާފައިވާ އިރު، އެ މުއްދަތުގައި ފުރި ޓޫރިސްޓުންގެ އަދަދު މަދުވެއްޖެ އެވެ.
"ވަން" އަށް މައުލޫމާތު ދެމުން، "މޯލްޑިވްސް އިމިގްރޭޝަނުން، ބުނީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން ނޮވެމްބަރުގެ ނިޔަލަށް ބަނގްލަދޭޝުން ޓޫރިސްޓުންގެ ގޮތުގައި ރާއްޖެއަށް އައީ 3325 މީހުން ކަމަށާއި އެ މުއްދަތުގައި ފުރީ 3194 ޓޫރިސްޓުން ކަމަށެވެ. އިމިގްރޭޝަނުން ދިން ތަފާސް ހިސާބަށް ބަލާ އިރު މި މުއްދަތުގައި ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން ފިރިހެނުންގެ އަދަދަކީ 1885 އެވެ. އަންހެނުންގެ އަދަދަކީ 1440 އެވެ. ފުރާފައިވާ ޓޫރިސްޓުންގެ ހިސާބުތަކަށް ބަލާ އިރު، އެ މުއްދަތުގައި ފުރާފައި ވަނީ 1818 ފިރިހެން ޓޫރިސްޓުންނާއި 1376 އަންހެން ޓޫރިސްޓުންނެވެ.
އިމިގްރޭޝަނުގެ "ވަން" އަށް ހިއްސާކޮށްފައިވާ ތަފާސް ހިސާބަށް ބަލާ އިރު، ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން 131 މީހަކު އެނބުރި ފުރައިގެން ގޮސްފައެއް ނުވެ އެވެ. އެއީ 67 ފިރިހެން ޓޫރިސްޓުންނާއި 64 އަންހެން ޓޫރިސްޓުންނެވެ.
ރަައީސް ސޯލިހުގެ ސަރުކާރު އައުމަށް ފަހު، ބިދޭސީންނާ ގުޅޭ ބައެއް ހިދުމްތަތައް ވަނީ އިމިގްރޭޝަނުގެ ދަށުން ވަކިކޮށް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ގެންގޮސްފަ އެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަނގްލަދޭޝް މީހުންގެ މައްސަލަ އިންތިހާއަށް ބޮޑުވެ، އެ މައްސަލަ ހައްލުކުރުމަށް ޓަކައި ގިނަ ފިޔަވަޅުތަކެއް އިކޮނިމޮކް މިނިސްޓްރީން އޭގެ ފަހުން ވަނީ އަޅުއްވަން ފައްޓައިފަ އެވެ. އެ ގޮތުން ކޯޓާ ދޫކުރުމުގެ އުސޫލު ހަރުދަނާ ކުރުމުގެ ފިޔަވަޅުތަކެއް ވެސް ވަނީ އަޅައިފަ އެވެ. އަދި މި މައްސަލަ ހައްލު ކުރުމުގެ މަރުހަލާގައި އަޅާ ފިޔަވަޅެއްގެ ގޮތުން އެއް އަހަރު ދުވަހުގެ މުއްދަތަށް ބަނގްލަދޭޝް މީހުން ގެންނަން އެމްޕްލޮއިމެންޓް އެޕްރޫވަލް ދޫނުކުރަން ނިންމައި އެކަން ވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ވަނީ އިއުލާނުކޮށްފަ އެވެ. އަދި ހަމަ އެހެންމެ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެޔަށް ވެއްދުމަށް ޓަކައި، ހާއްސަ ޕްރޮގްރާމެއް ފަށައި އެ ޕްރޮގްރާމްގެ ދަށުން ބިދޭސީން ރަޖިސްޓްރީ ކޮށްދޭން ފެށި އެވެ. މި ޕްރޮގްރާމްގައި ރަޖިސްޓްރީ ވާން ބިދޭސީން ހެދި ކިޔުގެ ސަބަބުން މުޅި ރާއްޖެއަށް ވަނީ ސިހުން ލިބިގެން ގޮސްފަ އެވެ. އެންމެ ފުރަތަމަ އިކޮނޮމިކް މިނިސްޓްރީގައި އެ ހިދުމަތް ފެށި އިރު، 24 ގަޑި އިރު ކުރީން ދުވާރު މަތީގައި ކިޔު ހަދައި، ނުނިދައި އެތަނުގައި ބިދޭސީން ތިބެން ފެށި އެވެ. އެކަން އުނދަގޫ ވުމުން، މިނިސްޓްރީން އެ ހިދުމަތް ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑަށް ބަފަލު ކުރި އެވެ. ދަނޑުގެ އުތުރު ފަރާތު ސިޑިބަރި އެއްކޮށް ފުރި ބާރުވެ، މަޖީދީ މަގުން އިރަށް ގޮސް ސޯސަން މަގާ ހަމަޔަށް ކިޔު ދެމިގެން ދިޔަ އެވެ.
ބަނގްލަދޭޝް މީހުންނަށް އެމްޕްލޮއިމެންޓް އެޕްރޫވަލް ދޫކުރުން ހުއްޓާލި ފަހުން އެ ގައުމުން ގިނަ އަދަދެއްގެ މީހުން ޓޫރިސްޓުންގެ ގޮތުގައި ރާއްޖެއަށް ވަގަށް އެތެރެވަމުންދާ ކަމުގެ ތުހުމަތުތަކެއް ބައެއް ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އެ ގޮތުން ރާއްޖެއަށް އެތެރެ ވުމަށް ފަހު ނުފުރާ ވެސް ގިނަ ބަޔަކު އުޅެމުންދާ ކަމުގެ ތުހުމަތު ދަނީ ކުރަމުންނެވެ.
"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި، މޯލްޑިވްސް އިމިގްރޭޝަނުގެ ޑެޕިއުޓީ ކޮންޓްރޯލަރު އިބްރާހީމް އަޝްރަފު ވިދާޅުވީ، ޓޫރިސްޓުންގެ ގޮތުގައި ބަނގްލަދޭޝް މީހުން ގިނަ އަދަދަކަށް ރާއްޖެއަށް އެތެރެވަމުންދާ ކަމަށް ބުނެ ދައްކާ ވާހަކަޔަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށާއި 2018 ވަނަ އަހަރާއި އަޅާ ބަލާ އިރު ވެސް ބަނގްލަދޭޝުން ޓޫރިސްޓުންގެ ގޮތުގައި އަންނަ މީހުންގެ ނިސްބަތަށް ފާހަގަ ކުރެވޭ ވަރުގެ ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
އިމިގްރޭޝަނުން ދީފައިވާ ތަފާސް ހިސާބަށް ބަލާ އިރު، 2018 ވަނަ އަހަރު ބަނގްލަދޭޝުން ރާއްޖެ އައި ޓޫރިސްޓުންގެ ޖުމުލަ އަދަދަކީ 3648 އެވެ. އެއީ 2058 ފިރިހެނުންނާއި 1590 އަންހެނުންނެވެ.
2019 ވަނަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން 131 މީހުން އެނބުރި ގައުމަށް ނުދާ މައްސަލައިގައި ސުވާލު ކުރުމުން އަޝްރަފު ވިދާޅުވީ އެއީ އެކި ސަބަބުތަކަށް ޓަކައި އެހެން ވިސާތަކަށް ބަދަލުވެފައިވާ މީހުން ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެ އައުމަށް ފަހު ކައިވެނި ކުރާ މީހުންނާއި ރާއްޖެ އައުމަށްފަހު ޑިޕެންޑެންޓް ވިސާއަށް ބަދަލުވާ މީހުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ، ބަނގްލަދޭޝަކީ މިހާރު މެދު ފަންތީގެ އަދި މަތީ ފަންތީގެ ޓޫރިސްޓުން ވެސް ގިނަ އަދަދަކަށް އަންނަ ގައުމެއް ކަމަށެވެ. އެހެން ކަމުން ރާއްޖެއަށް ފަތުރުވެރީންގެ ގޮތުގައި އެ ގައުމުން އައިސްފައިވާ މީހުން ނުވަތަ އަންނަ މީހުންގެ އަދަދަކީ ސުވާލު އުފެދޭ ވަރުގެ އަދަދެއް ނޫން ކަމަށެވެ.