އިބްރާހިމް ޒަކީ
ކުޑަކުންދިނަށް ޖިންސީ އަނިޔާ ކުރާ މައްސަލަތައް، ކޯޓުތަކުގައި ލަސްވާ މައްސަލަ ބަލައި އެކަމާ ބެހޭގޮތުން މަޝްވަރާކޮށް ގާނޫނަށް ބަދަލެއް ގެންނަން ޖެހޭ ނަމަ އެކަން ފާހަގަ ކޮށް ކޮމިޓީއަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލް (އޭޖީ) އަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ކޮމިޓީން އެގޮތަށް ފާސް ކުރީ، ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައާ ގުޅިގެން އުފެދުނު ކަންބޮޑުތަކާއެކު، އެފަދަ މައްސަލަތައް ބެލުމަށް ބޭއްވި ކޮމިޓީގެ ބައްދަލުވުން ތަކަށް ކަމާބެހޭ މުއައްސަސާތައް ހާޒިރުކޮށްގެން ކުރިއަށް ގެންދިޔަ ތަހުގީގަށް ފަހު، ފާހަގަ ކުރެވުނު ކަންތައްތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅެއްގެ ގޮތުގައެވެ.
ކޮމިޓީގެ ނިންމުމުގައި ބުނެފައިވަނީ، ދައުވާ ކުރުމަށް ކޯޓުތަކަށް ފޮނުވާފައިވާ މައްސަލަތައް އަވަސްކުރަން ކުރެވިދާނެ ކަންތައްތައް ފާހަގަކޮށް އެކަންކަން ކުރަން ނިންމައި، އެކަމުގެ ރިޕޯޓެއް އެއްމަސް ދުވަހުގެ ތެރޭގައި، ކޮމިޓީއަށް ފޮނުވަން ވާނެ ކަމަށެވެ.
މި ނިންމުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ، ކޯޓުތަކުގައި މައްސަލަތައް ލަސްވާ މައްސަލައަށް ހައްލެއް ހޯދުމަށް ޖުޑިޝަރީއާ އެކު ކްރިމިނަލް ޖަސްޓިސް ސިސްޓަމް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ކޯޓުތަކުގައި ލަސްވާ ކުޑަކުދިންގެ ޖިންސީ އަނިޔާގެ މައްސަލަތައް އަވަސް ކުރުމަށް، އެފަދަ މައްސަލަތައް ކޯޓުތަކުން ނިންމަން ޖެހޭނެ މުއްދަތެއް ކަނޑައެޅުމާ މެދު ކަމާބެހޭ މުއައްސަސާތަކާ އެކު މަޝްވަރާ ކުރުމަށް ވެސް އޭޖީ އޮފީހަށް އެންގުމަށް ކޮމިޓީން ނިންމިއެވެ.
އެގޮތުން ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާ ކުރުމަށް ފަހު، އެކަން އެގޮތަށް ކަނޑައަޅާނީ ގާނޫނަށް އިސްލާހު ގެނެސްގެން ނަމަ އެ އިސްލާހު މަޖިލީހަށް އެންގުމަށް އޭޖީއަށް ދެންނެވުމަށް ވެސް ކޮމިޓީން ވަނީ ނިންމައިފައެވެ.
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި، ކަމާބެހޭ މުއައްސަސާތައް ހާޒިރު ކޮށްގެން އެފަދަ ޖިންސީ އަނިޔާގެ މައްސަލަތައް ކުރިއަށްދާ ގޮތާއި އެ މައްސަލަތައް ލަސްވާ މައްސަލަތައް އަވަސް ކުރުމަށް ކުރެވިދާނެ ކަންތައްތައް ކޮމިޓީން ވަނީ ވޭތުވެ ދެ ދުވަހުގެ ތެރޭގައި ބަލައިފައެވެ.
އެކަންތައްތައް ކޮމެޓީން ބަލައިފައި ވަނީ ކަމާބެހޭ މުއައްސަސާތައް ކޮމިޓީއަށް ހާޒިރު ކޮށްގެންނެވެ. އެގޮތުން ޖެންޑާ މިނސިްޓަރާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާއި ފުލުހުންނާއި އޭޖީ އޮފީހުގެ އިސް ބޭފުޅުން ރޭ އެ ކޮމިޓީއަށް ވަނީ ހާޒިރުކޮށް ސުވާލު ކޮށްފައެވެ.