ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް

ވިމް އޭޝިޔާ އެވޯޑްސް ތައާރަފުކޮށްފި

މިންހާ ފާއިޒް ރަޝާދު

ވިމެން އިން މެނޭޖްމަންޓް (ވިމް) އިން މިއަހަރު އަލަށް ތައާރަފު ކޮށްފައިވާ ވިމް އޭޝިޔާ އެވޯޑްސް 2020 ރާއްޖޭގައި ތައާރަފުކޮށްފިއެވެ.

އިއްޔެ ހަވީރު ހުޅުމާލެ ލީވޯ ރެސްޓޯރަންޓްގައި ބޭއްވި އިވެންޓުގައި ވިމް އޭޝިޔާ އެވޯޑްސް 2020 ތައާރަފުކޮށްދެއްވީ ވިމްގެ ޗެއާޕާސަން ޑރ. ސުލޯޗަނާ ސޭގަރައެވެ.

ރާއްޖޭގެ އިތުރުން މި އެވޯޑުގައި ބައިވެރިވާ ގައުމުތަކަކީ ލަންކާ، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް. އިންޑޮނޭޝިޔާ، ނޭޕާލް، އޮސްޓްރޭލިޔާ އަދި ކެނެޑާއެވެ.

އެވޯޑަށް ރާއްޖެ، ލަންކާ އަދި ކެނެޑާއިން ނޮމިނޭޓް ވެވޭނީ މީގެ ކުރިން ވިމް އެވޯޑު ލިބިފައިވާ ބޭފުޅުންނަށެވެ. އެހެން ގައުމުތަކުން ބައިވެރި ވެވޭނީ އެގައުމުތަކުގައި ހުންނަ ވިމް އެފިލިއޭޓެޑް ޕާޓްނަރެއް މެދުވެރިކޮށެވެ.

މި އިވެންޓްގައި ވަނީ މިއަހަރު ވިމް މޯލްޑިވްސް އިން ކުރާ އެކި އެކި ހަރަކާތްތައްވެސް ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި އަންހެނުންގެ ދުވަހާ ދިމާކޮށް ފާއިތުވި ދެއަހަރު ވިމް އިން ބާއްވާ އޮބްސްޓަކަލް ރަން "ރަން ވިތު އަސް" މި އަހަރުވެސް ކުރިޔަށް ގެންދަން ނިންމާފައިވާ އިރު، މިއަަހަރު އަލަށް ފަށަން ހަމަޖައްސާފައިވާ "އެންމެން"ވެސް ވަނީ ތައާރަފުކޮށްފައެވެ. "އެންމެން" އަކީ ކުޑަކުދީންނަށް ހާއްސަކޮށްގެން ބާއްވާ ކުޑަކުދީންގެ ކާނިވަލެކެވެ. މީގެ އިތުރުން ރާއްޖޭގެ ރަށްރަށުގެ އަންހެނުން ބާރުވެރިކޮށް ހޭލުންތެރިކުރުވުމަށް "ނަމޫނާ" ގެ ނަމުގައި ވެސް މި އަހަރު މުޅީން އާ ޕްރޮގްރާމެއް އިއްޔެ ވަނީ ތައާރަފުކޮށްފަ އެވެ. މި ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ ފަސް އަތޮޅަކަށް ވިމްއިން ދަތުރުކޮށް އަންހެނުން ހޭލުންތެރިކުރުވުމަށް ވޯކްޝޮޕުތައް ހިންގާނެ އެވެ.

ވިމް މޯލްޑިވްސް އެވޯޑު 2018 އަދި 2019 ލިބިވަޑައިގެންފައިވާ ހުރިހާ ބޭފުޅުން ވެސް އޭޝިއާ އެވޯޑްސް އަށް އޮޓަމެޓިކުން ނޮމިނޭޓްވާނެ ކަމަށް ވިމް އިން މައުލޫމާތު ދެއެވެ. ކުރީން އެވޯޑު ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ތެރެއިން، އަޕްޑޭޓެޑް ވަނަވަރު ފޮނުއްވާ ހުރިހާ ބޭފުޅުންގެ ވަނަވަރު ވިމް އޭޝިއާ އެވޯޑު ޕެނަލަށް ފޮނުއްވާނެ ކަމަށް ވިމްއިން މައުލޫމާތު ދެއެވެ. އެ ގޮތުން ވިމްގެ އެވޯޑު ކުރީން ލިބިވަޑައިގެންނެވި ބޭފުޅުން އަޕްޑޭޓް ޕްރޮފައިލް ފޮނުއްވުމަށް މިހާރު އަންގަވާފައި ވާނެ ކަމަށް ވެސް ވިމް އިން ބުނެ އެވެ.

ވިމް އޭޝިޔާ އެވޯޑްސް މިއަހަރު ބާއްވަން ހަމަޖައްސާފައިވަނީ 12 ޖޫން ގައި މެލޭޝިޔާގައެވެ.