ހިމަބިހި

އިތުރު މީހަކު ހިމަބިއްސަށް ޕޮސިޓިވް ވެއްޖެ

މަރިޔަމް ޝަހުދާ

އިތުރު މީހަކު ހިމަބިއްސަށް ޕޮސިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން އެކަން އާންމުކޮށްފައިވަނީ މީގެ އިރުކޮޅެއްކުރިން ކުރި ޓުވީޓެއްގައެވެ. އެގޮތުން މިއަދު އަށް މީހަކު ހިމަބިއްސަށް ޓެސްޓު ކުރި ކަމަށާއި އޭގެ ތެރެއިން އެކަކު ހިމަބިއްސަށް ޕޮސިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހިމަބިހީގެ އިތުރު ކޭސްއެއް މިއަދު ރާއްޖެއިން ފެނިފައި މިވަނީ ތިން ދުވަހަށް ފަހުއެވެ. މިއަދު ހިމަބިއްސަށް ޕޮސިޓިވްވި މީހާއާއެކު މިހާރު މިހާތަނަށް ރާއްޖެއިން މިވަނީ ހިމަބިހީގެ ޖުމްލަ ހަތަރު ކޭސްއެއް ފެނިފައެވެ.

މިހާތަނަށް އަތޮޅު ތެރޭގައި ހިމަބިހީގެ އެއްވެސް ކޭސްއެއް ފެނިފައެއް ނުވެއެވެ. ނަމަވެސް މިއަދު ފެނުނު ހިމަބިހީގެ ކޭސް ފެނިފައިވަނީ ކޮން ސަރަހައްދަކުން ކަމެއް އެޗްޕީއޭ އިން އާންމުކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުން ދިއުމުގެ ސަބަބުން ހެލްތު މިނިސްޓްރީން ވަނީ މިކަމަށް އާންމުން ސަމާލުވެ، ވެކްސިން ނުޖަހާ މީހުން ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައެވެ. އަދި މިހާތަނަށް ހިމަބިހި ފުރަތަމަ ފެނުނު ހުޅުމާލެ ހޮސްޕިޓާ ސަރަހައްދުގައި ދިރިއުޅޭ 70 ޕަސެންޓަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައިވާނެ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.