ޚަބަރު

ހިމަބިހި ކޭހުގެ ކޮންޓެކްޓުންގެ ގޮތުގައި 65 މީހުން، ބަލީގެ އެއްވެސް އަލާމާތެއް ނެތް

އައްޑޫ ސިޓީން ފެނުނު މީސްލްސް ނުވަތަ ހިމަބިހި ޖެހިފައިވާ ކުއްޖާގެ ކޮންޓެކްޓުންގެ ގޮތުގައި 65 މީހަކު ދެނެގަނެވިފައިވާ ކަމަށާއި އެއިން އެއްވެސް މީހެއްގެ ގައިން ބަލީގެ އަލާމާތެއް ފެނިފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް އިއުލާންކޮށްފައިވާ ހިމަބިއްސަށް މިދިޔަ ހޯމަ ދުވަހު އައްޑޫން ކުޑަކުއްޖަކު ޕޮޒިޓިވްވެ، އައުޓްބްރޭކެއްގެ ގޮތުގައި އެޗްޕީއޭ އިން އެ ދުވަހު އިއުލާންކުރި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހިމަބިއްސަށް ޕޮޒިޓިވްވި ކުއްޖާއާއި ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައިވާ މީހުންވެސް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ.

އަދި ހިމަބިހީގެ ކޭސް ފެނުނު ހިސާބުގެ ވަށައިގެންވާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ކޮމިއުނިޓީ ސާވޭ ކުރިއަށް ގެންގޮސް ވެކްސިން ދެ ޑޯޒު ފުރިހަމަނުވެ ތިބި އަދި ވެކްސިން ފުރިހަމަކޮށްފައިވާ ކަމުގެ ރެކޯޑް ނެތް 19 މީހަކަށް ވެކްސިން ދިނުމަށް ރިންގް ވެކްސިނޭޝަން ކުރިއަށް ގެންދިޔަ ކަމަށްވެސް ބުންޏެވެ.

އެޗްޕީއޭއިން ބުނީ، ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށް ކަނޑައަޅާފައިވާތީ، އެ ބަލީގެ އަލާމާތެއް ހުރެގެން ޑޮކްޓަރަށް ދައްކާ މީހުން ބައްޔަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމަކީ ސާވެލައިންސް މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތް ދޭ ތަނަކުން އަމަލުކުރަމުން އަންނަ އުސޫލު ކަމަށެވެ.

ހިމަބިހީގެ އަލާމާތްތައް:

  • ހުން އައުމާއެކު ހަމުގައި ރަތް ބިހިތަކެއް ނެގުން
  • ކެއްސުން
  • ނޭފަތުން އަރިދަފުސް ފޭބުން
  • ލޯ ރަތްވުން

އެއިން އެއްވެސް އާލާމާތެއް ފެނިޖެއްނަމަ ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.