ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، ފަސް އަހަރުގެ ކުއްޖަކަށް 56 އަހަރުގެ ދިވެހި ފިރިހެނަކު ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ހުށަހަޅާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް މައުލޫމާތު ދިނެވެ. ނަަމަވެސް އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކުރި ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ދެކުނުގެ އަތޮޅެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަމުންދާއިރު ދެކުނުގެ ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި ވެސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިހާރު ވަނީ ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ އެކުއްޖާގެ ބައްޕަ 33 އ. އާއި ކާފަ 62 އ. އަދި މުނިކާފަ 82 އ. ހައްޔަރުކޮށްފައެވެ. އެމީހުންގެ ތެރެއިން އެކުއްޖާގެ ކާފަ އާއި މުނިކާފަ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކަނޑުހުޅުދޫ އިންނެވެ. އަދި މިއަދު ހެނދުނުގެ ވަގުތެއްގައި ދެބަފައިން މާލެ ގެނެސް ވަނީ ދޫނިދޫގައި ބަންދުކޮށްފައެވެ.
ކުއްޖާގެ ބައްޕަ ހައްޔަރުކުރީ ހުޅުމާލެ ފުލެޓެއްގެ ތެރޭގައި ފިލާ ހުއްޓައި، ފުލުހުން އެ ފުލެޓްގެ ދޮރު ވައްޓާލައިގެން ވަދެއެވެ. އަދި ހައްޔަރުކޮށްގެން އޭނާ ވެސް މިހާރު ބަންދުކޮށްފައި ހުރީ ދޫނިދޫގައެވެ.