ހުސްނުއްސުއޫދު

މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުން ބަލަން 29 މައްސަލައެއް އެބައޮތް: ސުއޫދު

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ތަހުގީގު ކުރުމަށް 29 މައްސަލައެއް އެބައޮތް ކަމަށް އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ސުއޫދު ވިދާޅުވީ އެ ކޮމިޝަނުން ތަހުގީގު ކުރަން 29 މައްސަލައެއް މިހާރު ކަނޑައަޅާފައި އޮތަސް ރައްޔިތުން އިތުރު މައްސަލައެއް ހުށަހަޅައިފިނަމަ، އެއީ އެ ކޮމިޝަނުން ބަލަންޖެހޭ ފަދަ މައްސަލައެއް ނަމަ ބަލާނެ ކަމަށެވެ.

އެ ކޮމިޝަނުން ތަހުގީގު ކުރަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މަރާލާފައިވާ މީހުންގެ މައްސަލަތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކެވެ.

ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރޭގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ އާއި ނޫސްވެރިޔާ އަޙްމަދު ރިލްވާން އަބްދުﷲ ގެއްލިފައިވާ މައްސަލަ އާއި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި މައްސަލަ ހިމެނެއެވެ.

ސުއޫދު ވިދާޅުވީ އެ ކޮމިޝަނުން ކުރާ ތަހުގީގަށް ބަޔާން ނަގަންޖެހުނު ކޮންމެ މީހެއްގެ ބަޔާން ނަގާނެ ކަމަށާއި މި ސަރުކާރަށް ނިސްބަތްވާ މީހެއް ކަމުގައި ވިޔަސް ބަޔާން ނަގާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލަތައް ތަހުގީގު ކުރުމުގައި ރާއްޖެއިން ބޭރުގެ އެކްސްޕާޓުންގެ އެހީ ހޯދަންޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.