އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ނަން ފޮނުއްވި ކުރީގެ އުއްތަމަ ފަނޑިޔާރު، އަހުމަދު ފާއިޒް ހުސެއިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ރައީސަށް ލަފާ އަރުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް އަހުމަދު ފާއިޒް ހުސެއިން އައްޔަންކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އޭނާގެ ނަން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
ފާއިޒުގެ ނަން ފޮނުވުމާއެކު އުއްތަމަ ފަނޑިޔާރުކަމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނަވައިގެން، ސުޕްރީމް ކޯޓުން ނިންމި ގާނޫނުތަކާއި ގާނޫނު އަސާސީއާ ހިލާފު އެއްވެސް ނިންމުމެއްގައި ފާއިޒު ބައިވެރިވެ ވަޑައިގެންފައިވޭތޯ ބެލުމުގެ މަސައްކަތް ޖޭއެސްސީން ފެށިއެވެ.
އެ މައްސަލަ ބެލުމަށްފަހު ޖޭއެސްސީ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަހުމަދު ފާއިޒު ހުސެއިން އަކީ އެބޭފުޅާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމާއި ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު އަދާ ކުރެއްވިއިރު، ސުޕްރީމް ކޯޓުުން ނިންމާފައިވާ ގާނޫނާ ހިލާފު އަދި ސުޕްރީމް ކޯޓުގެ އިހުތިސާސުން ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހުތިސާސްގެ ތެރެއަށް ވަދެ ނިންމާފައިވާ ނިންމުންތަކުގައި ބައިވެރިވެ ވަޑައިގެންފައިވާ ބޭފުޅެއް ކަމަށް އެ މައްސަލަ ދިރާސާ ކުރި ކޮމިޓީގެ ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ޖޭއެސްސީން އިއްޔެ ބޭއްވި ބައްދަލުވުމުގައި، ކޮމިޓީން ނިންމާފައިވާ އެ ނިންމުން ކޮމިޝަނަށް ބަލައިގަނެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަހުމަދު ފާއިޒު އައްޔަން ކުރަން ނުފެންނަ ކަމަށް ރައީސުލް ޖުމްހޫރިއޔާ އަށް ލަފާ އެރުވުމަށް ޖޭއެސްސީން އިއްޔެ ނިންމީ ކަމަށްވެސް ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމާއި، އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު އަދާ ކުރެއްވިއިރު، ސުޕްރީމް ކޯޓުުން ނިންމާފައިވާ ގާނޫނާ ހިލާފު އަދި ސުޕްރީމް ކޯޓުގެ އިހުތިސާސުން ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހުތިސާސްގެ ތެރެއަށް ވަދެ ނިންމާފައިވާ ނިންމުންތަކުގައި ބައިވެރިވެ ވަޑައިގެންފައިވާ ބޭފުޅެއް ކަމަށް، "އަހުމަދު ފާއިޒު ހުސެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމާއި އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު އަދާކުރެއްވިއިރު އަމަލު ކުރެއްވި ގޮތާ ގުޅޭގޮތުން، " ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނުއަސާސީއާ ހިލާފު ނިންމުންތަކާގުޅޭ ރިޕޯޓް" އެކުލަވައިލި ދިރާސާ ކޮމިޓީގެ މަޝްވަރާ ރިޕޯޓު" ގައި ބަޔާން ކޮށްފައިވާތީ، އެމަޝްވަރާ ކޮމިޝަނަށް ބަލައި ގަތުމަށާއި، މިހެންވެ، އަހުމަދު ފާއިޒު ހުސެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ނުފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުވުމަށް ކޮމިޝަނުން އިއްޔެ ވަނީ ނިންމައިފަ،" ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
2008 ވަނަ އަހަރު ގާނޫނު އަސާސީ އިސްލާހުކޮށް އުފެއްދި އިންތިގާލީ ސުޕްރީމް ކޯޓުގައިވެސް ފާއިޒް ވަނީ ފަނޑިޔާރުކަން ކުރައްވައިފައެވެ. އޭގެ ފަހުން ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލައި އެ ކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވީ ވެސް ފާއިޒް އެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ކުޑަ ކުރުމުގެ ގޮތުން 2014 ވަނަ އަހަރު ރައީސް ޔާމީނުގެ ސަރުކާރުން ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ފާއިޒް މަގާމުން ވަކި ކުރިއެވެ.