ސިޔާސީ

ޕީޕީއެމްގެ އެންމެ ބޮޑު ހުނަރަކީ ފިތުނަ އާއި ފަސާދަ އުފެއްދުން: ނަޝީދު

އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ އެންމެ ބޮޑު ހުނަރަކީ ފިތުނަ އާއި ފަސާދަ އުފެއްދުން ކަމަށާއި އެޕާޓީން ހިންގާ ކޮންމެ ހަރަކާތަކުން ވެސް ސާފުވެގެން ދިޔައީ އެކަން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އެޖެންޑާ19 ރަށަށް"ގެ ނަމުގައި ތިލަދުންމައްޗަށް އެމްޑީޕީން ކުރަމުންދާ ދަތުރުގައި ހދ. ކުޅުދުއްފުށި ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ މުހިންމު ކަމަކީ އެމްޑީޕީގެ ވާދަވެރިން ކުޑަކޮށް ވެސް ދަންނަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެބޭފުޅުން ކުރިއަރައި މޮޅުވެފައިވާ ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ.

ފުރަތަމަ ކަމަކީ އެމްޑީޕީގެ މެންބަރުންނާ ދިމާއަށް ލާދީނިއްޔޭ ގޮވުން ކަމަށާއި ނަމަވެސް އެއީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ގަބޫލުކުރާ ވާހަކައެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެބޭފުޅުންގެ އެންމެ ބޮޑު ހުނަރަކީ ފިތުނަ އުފެއްދުމާއި ނަސްލީ އިމްތިޔާޒުގެ އެންމެހާ ސިފަތައް ކަމަށެވެ.

"އެބޭފުޅުންގެ ވާހަކަތަކުން އެބޭފުޅުންގެ ކޮންމެ ހަރަކާތަކުން އަޅުގަނޑުމެންނަށް ފެންނަމުން މިދިޔައީ ރާއްޖޭގެ ރައްޔިތުންނަށް މާ ބޮޑަށް ސާފުވެގެންދިޔައީ މިބޭފުޅުންނަކީ ހަމައެކަނި ފިތުނަ ފަސާދަ އުފައްދަވަން ތިއްބަވާ ބޭފުޅުންކަން. އެބޭފުޅުންގެ މަސައްކަތަކަށް މިދިޔަހާ ދުވަހު އެބޭފުޅުން ހައްދަވާފައި އޮތީ ހަމަކަށަވަރުން އެ މަސައްކަތް. އަޅުގަނޑުމެންގެ ތެރޭގައި އެކަކާއި އަނެކަކާ ދެމެދު ފިތުނަ އުފެއްދުމާއި ރުޅިވެރިކަން އުފެއްދުން،" ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅަށް އިތުރަށް ރައްދު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ބަޖެޓް ބޮޑުކުރާނެ ވާހަކަ އާއި ބަޖެޓު ބޮޑުކުރާނެ ގޮތް ވެސް އެމްޑީޕީން އިދިކޮޅަށް އޮޅުން ފިލުވައިދީފައިވާނެ ކަމަށެވެ. އަދި އެމްޑީޕީން ރާއްޖޭގެ ވެރިކަން ހިންގުމާ އަލުން ހަވާލުވެ، ފުރަތަމަ ކުރި މަސައްކަތުގައި ވެސް ބަޖެޓް ބޮޑުކޮށް އިދިކޮޅަށް ދައްކާފައިވާ ކަމަށް ވިދާޅުވިއެވެ.