މާލޭގެ ދެކުނުގައި ކަސްޓަމް ސަރަހައްދުގައި ހުރި އަތޮޅު ފިހާރަތައް ތަރައްގީ ކުރުމުގެ ޕްލޭނެއް އެބައޮތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ކުޅުދުއްފުށީގައި މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާ "އެމްޑީޕީ ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ގައި އަތޮޅު ފިހާރަތަކާ ބެހޭގޮތުން ބައެއް ކައުންސިލް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އަތޮޅު ފިހާރަތަކާ ބެހޭ ގޮތުން ސުވާލު ކުރެއްވި ކައުންސެލަރުން ވިދާޅުވީ، އަތޮޅު ފިހާރަތަކަކީ އަތޮޅުތަކުގެ ރައްޔިތުން ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެގެން ގާއިިމް ކޮށްފައިވާ ތަންތަން ކަމަށާއި، ނަމަވެސް އެތަންތަނުގެ ދެ ފަރާތުން ދިހަ ބުރީގެ އިމާރާތްތައް މައްްޗަށް އަރާފައިވާއިރު، އެތަންތަން ހުރީ ވަރަށް ނިކަމެތިކޮށް ކަމަށެވެ. އަދި ސަރުކާރުން އަތޮޅުތަކަށް އެތަންތަން ދޫކޮށްފިނަމަ 25 ބުރިއަށް އެތަންތަން ހެދުމުގެ ގާބިލްކަން އެބަހުރި ކަމަށްވެސް އެކަމާ މެދު ވާހަކަ ދެއްކެވި ކައުންސެލަރުން ވިދާޅުވިއެވެ.
ކައުންސެލަރުންގެ އެ ކަންބޮޑުވުން ތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އަތޮޅު ފިހާރަތައް ތަރައްގީ ކުރުގެ ޕްލޭނެއް އެބައޮތް ކަމަށާއި، ނަމަވެސް ފުރަތަަމަ ކަމަކަށް އޮތީ މާލޭ ޕޯޓް ގުޅީ ފަޅަށް ބަދަލު ކުރުން ކަމަށެވެ. އަދި އެ މަޝްރޫއު މިއަހަރުގެ ތެރޭގައި ދާދި އަވަހަށް ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މާލޭ ޕޯޓް ގުޅީ ފަޅަށް ބަދަލު ކުރުމަށްފަހު، އަތޮޅު ފިހާރަތައް ހިމެނޭ ސަރަހައްދު އެއްކޮށް ތަރައްގީކުރަން ފެށިގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު އެ ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.
އަތޮޅު ފިހާރަތަކުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބުރާހީމް އަމީރު ވިދާޅުވީ، މިސަރުކާރު ވެރިކަމާ ހަވާލުވިއިރު، އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ ކައުންސިލް ތަކާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އަދި އެންމެ ފަހުން އެ ފައިސާ ކައުންސިލްތަކަށް ދީފައި ވަނީ 2014 ވަނަ އަހަރު ކަމަށާއި، 2015 ވަނަ އަހަރު އަތޮޅު ފިހާރަތަކަށް ލިބުނު ފައިސާ 2019 ވަނަ އަހަރު ކައުންސިލް ތަކަށް ބަހާފައިވާނެ ކަމަށެވެ.
އަމީރު ވިދާޅުވީ އަދިވެސް ބެކް ލޮގެއް އެބަހުރި ކަމަށާއި ފްރީޒް ކޮށްފައި ހުރި އެކައުންޓުތަކެއްވެސް އެބަހުރި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހުސްވި އަހަރު އެ ހުރިހާ ފައިސާއެއް ކައުންސިލް ތަކާ ހަވާލު ކުރަން މަސައްކަތް ކުރި ނަމަވެސް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނަގަން ޖެހޭ ހުއްދަތަކެއް ހުރުމާއި އެ ފަރާތާ ދައްކަން ޖެހޭ ވާހަތަކެއް ހުރުމާއެކު އެކަން ނުވީ ކަމަށެވެ. އަދި މިހާރު އެމަރުހަލާ ނިމިފައިވާ ކަމަށާއި އެ ހުރިހާ ފައިސާއެއް ކައުންސިލްތަކަށް ދޫކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.