އިބްރާހިމް ޒަކީ
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ތައް ބާރުވެރިިކޮށް، ރަސްމީ މުސާރައާއި ރަމަޟާން މަހުގެ އިނާޔަތް ލިބޭ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަ ބިލެއްގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، މި ބިލު ހުށަހެޅުއްވީ މައްޗަންގޮޅީ މެދު ދައިރާގެ މެންބަރު އަހުމަދު ޒަމީރެވެ.
މި ބިލުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ޑަބްލިޔުޑީސީތަކުގެ ދައުރު އިިތުރަށް ސާފުކޮށް ގާނޫނުގައި ބަޔާންކޮށް، އެ ކޮމިޓީތައް ބާރުވެރިކުރުވުން ކަމަށެވެ.
މި ބިލުގައި ހިމެނޭ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި، ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްސީލުކޮށް، ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށް ޓަކައި ގެންނާން ޖެހޭ އިސްލާހުތައް ގެނައުމާއި، ކޮޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބޭނުންވާ އިދާރީ އެހީތެރިކަމާއި ވަސީލަތްތަކާއި ތަމްރީން ފަދަ ކަންކަން ކައުންސިލްތަކުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހަމަޖައްސައިދިނުމާ ބެހޭ އުސޫލުތައް ހިމެނެއެވެ.
ކައުންސިލްތަކަށް ސަރުކާރުންދޭ ހިލޭ އެހީގެ ފައިސާގެ ތެރެއިން ކޮމިޓީތަކުގެ ހަރަކާތްތައް ހިންގުމަށް ދޭން ޖެހޭ ފައިސާ ދޫކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެގޮތުން އެ ފައިސާ ދޫކުރާނެ ގޮތްތަކާއި، އެ ފައިސާ ކޮމިޓީތަކުން ބޭނުންކުރުމުގައި އަމަލު ކުރަން ޖެހޭ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކުރުމުގެ އިތުރުން ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދިނުމުގެ އުސޫލުތައް ހިމެނުންވެސް މި އިސްލާހު ގެނައުމުގެ ބޭނުންތަކުގެ ތެރޭގައިި ހިމެނެއެވެ.
ގާނޫނުގެ 6-56 މާއްދާގެ (މ) ގައި މިހާރު ބުނަނީ، އެލްޖީއޭގެ ލަފާގެ މަތިން ޑަބްލިޔުޑީސީގެ މެންބަރުންނަށް ފިނޭންސް މިނިސްޓްރީން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅަން ވާނެ ކަމަށެވެ. ނަމަވެސް ރަމަޟާންމަހުގެ އިނާޔަތުގެ ވާހަކައެއް ގާނޫނަކު ނޯވެއެވެ.
މި މާއްދާއަށް ގެންނަން ބިލުން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް، އެލްޖީއޭގެ ލަފާގެ މަތިން ނޭޝަނަލް ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅަންވާނެ ކަމަށެވެ. އަދި މި މައްދާގެ (ފ)ގައިވާގޮތުގެ މަތިން ކޮންމެ އަހަރަކު، ރަމަޟާންމަހުގެ އިނާޔަތް ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އަދި މި މާއްދާގެ (ފ) އަށް ގެންނަ އިސްލާހެއްގެ ގޮތުގައި، ޑަބްލިޔުޑީސީގެ މެންބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރަމަޟާންމަހުގެ އިނާޔަތް ލިބިނުދެވޭ ކޮންމެ މެންބަރަކަށް ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާންް މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.