ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް ކަމަށާއި އެއީ އޮޅުމެއް އޮތް ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ކުޅުދުއްފުށީގައި މިއަދު ހެނދުނު ފެށި "އެމްޑީޕީ ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ، ލާމަރުކަޒީ އުސޫލުން ގައުމު ހިންގުމަކީ އެމްޑީޕީ ވުޖޫދު ވީ އިރުވެސް އެ ޕާޓީގައި އޮތް ފިކުރެއް ކަމަށާއި އެ ޕާޓީން އަބަދުވެސް ގަބޫލު ކުރަމުން އައީ ބާރުތައް ވަކިކޮށްގެން ނޫނީ ރާއްޖެއަށް ބޭނުންވާ ހަގީގީ ތަރައްގީ ނުގެނެވޭނެ ކަމަށް ކަމަށެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވެސް، މި ނިޒާމު ތަރައްގީ ކުރާން މަސައްކަތްތަކެއް ފަށައިގަނެގެން ކުރިޔަށް ގެންދިޔަ ކަމަށާއި އެހެން ނަމަވެސް އޭރު އޭގެން ނުކުތީ ހިތި ނަތީޖާއެއް ކަމަށެވެ.
2020 އަށް ކުރިމަތިލާ އިރު، ރާއްޖެ މި ދަނީ އިދާރީ ހިންގުމުގެ ގޮތުން ބަލާ އިރު ވަރަށް ބޮޑު ބަދަލަކާ ދިމާއަށްކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، މި ބަދަލުގެ ހަގީގީ ފައިދާ ހޯދުމަށް ޓަކައި ރަށު ކައުންސިލް ތަކާއި އަތޮޅު ކައުންސިލުތައް އަދި ސިޓީ ކައުންސިލުތަކުން އަދާކުރާން ޖެހޭ ދައުރު ވަރަށް ވެސް ބޮޑު ކަމަށެވެ. ލާމަރުކަޒީ ގާނޫނުން ގެނައި ބަދަލުތަކުގެ ސަބަބުން ބޮޑު ބަޖެޓެއް ކައުންސިލުތަކަށް ލިބި، ހިންގާން ޖެހޭ ތަރައްގީގެ ޕްރޮޖެކްޓައް އެތައް ގުނަޔަކަށް އިތުރުވެފައިވާ ކަމަށާއި އެހެން ކަމުން ކައުންސިލްތަކުން އިތުރު މަސައްކަތަކެއް ކުރާން ޖެހޭނެކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ އިންތިހާއަށް ބޮޑު ބަޖެޓެއް ކައުންސިލުތަކަށް ލިބިގެންދާ އިރު، ޕްރޮޖެކްޓްތައް ރާވައި ހިންގުމަކީ ވަރަށް ވިސްނުންތެރިކަމާ އެކު ކުރާން ޖެހޭނެ ކަމެއް ކަމަށެވެ. އަތޮޅުތެރެ ތަރައްގީ ކުރެވޭނީ މި ބާރުތައް ދީގެން ކަމަށާއި، ޕްރޮޖެކްޓުތައް އަންނަ އިރު އެކި ދާއިރާތަކުން މީހުން އުފެއްދުމާއި ވަޒީފާތައް އުފެއްދުމަކީ ވެސް ހާއްސަ ސަމާލުކަމެއް ދީގެން ކުރާން ޖެހޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އެމްޑީޕީ ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ގައި ރައީސް ސިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އެހެން ވެރީންނާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމްގެ އިތުރުން، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުންނާއި ދާއިރާ ތަކުގެ ރައީސުންނާއި ކައުންސެލަރުން ހިމެނިވަޑައިގަންނަވަ އެވެ. އަދި ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ވެސް މި ކޮންފަރެންސުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.