އެމްއެންޑީއެފް

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު ފޮނުވާނުލާ ގޮތަށް ނިންމައިފި

އިންޑިއާގެ އަސްކަރިއްޔާއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި ހެލިކޮޕްޓަރު އަނބުރާ ފޮނުވާ ނުލާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ އަވައްޓެރި ގައުމުތަކުން ރާއްޖެއަށް ހަދިޔާގެ ގޮތުގައި ދޭ ތަކެތި އަނބުރާ ފޮނުވާލުމަކީ ދިވެހިންގެ ސަގާފަތެއް ނޫން ކަމަށެވެ.

އަދި ބަލި މީހުން އުފުލުމަށާއި، ގެއްލޭ މީހުން ހޯދައި ސަލާމަތްކުރުމުގައި ހެލިކޮޕްޓަރުގެ ބޭނުން ކުރާނެ ކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ. މި ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ކައްދޫގައެވެ.

އިންޑިއާއިން ފަހުން ފޮނުވި ދެ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރީގެ ސަރުކާރުން ކޮށްފައި ވެއެވެ. އަދި ހެލިކޮޕްޓަރާއެކު ގާތްގަނޑަކަށް 40 ވަރަކަށް އިންޑިއާ ސިފައިން ރާއްޖެ އައިސް ތިބޭތީ ރައީސް ޔާމީންގެ ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަން މަސައްކަތް ކޮށްފައެވެ.

އިންޑިއާ އިން ދިވެހި އަސްކަރިއްޔާ އަށް ފުރަތަމަ ހެލިކޮޕްޓަރެއް ދިނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010ގައެވެ. އެ ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ އައްޑޫ ސިޓީގައެވެ.