މިންހާ ފާއިޒް ރަޝާދު
ޑޫކް އެންޑް ޑަޗާސް އޮފް ސުސެކްސް (ޕްރިންސް ހެރީގެ ދެކަނބަލުން) ޝާހީ މަސައްކަތުން ދުރުވެވަޑައިގެން ކެނެޑާއާއި އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަން ނިންމެވި ނިންމެވުމަށް ރާނީ އެލިޒަބަތު ތިނެއް ރުހުން ދެއްވައިފިއެވެ.
ރާނީ ނެރުނު ބަޔާނެއްގައި ވިދާޅުވީ މާމަދަރިކަލުންގެ އެ ނިންމެވުމަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށާއި ނަމަވެސް އެންމެ އެދިވަޑައިގަންނަވާ ގޮތަކީ ޝާހީ އާއިލާގެ މަސައްކަތުގައި ތިއްބެވުން ކަމަށެވެ.
ރާނީ ރުހުން ދެއްވިކަމުގައިވިޔަސް އަދި އެންމެ ފަހުގެ ނިންމުން ނިންމަވާނީ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ވާހަކަދައްކަވާފައި ކަމަށް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
"ޒުވާން އާއިލެއްގެ ގޮތުގައި އާ ދިރިއުޅުމެއް ފެއްޓެވުމަށް ހެރީ އަދި މޭގަން ނިންމެވި ނިންމެވުމަށް އަޅުގަނޑާއި އާއިލާގެ އެއްބާރުލުން ދެން. އެންމެ ބޭނުން ވަނީ ޝާހީ އާއިލާގެ މެންބަރުންގެ ގޮތުގައި އާއިލާގެ މަގާމުތަކުގައި ތިއްބެވުން. އެހެންނަމަވެސް އެބޭފުޅުން އަމިއްލަ މިނިވަންކަމުގައި އާއިލާ ބިނާކުރައްވަން އެދިވަޑިގަތުމުން އެކަން ގަބޫލުކުރަން. އެދެކަނބަލުން އަބަދުވެސް ވާނީ މިއާއިލާގެ މުހިންމު ބޭފުޅުންނަށް." ރާނީގެ ބަޔާނުގައި ވެއެވެ.
ރާނީގެ ބަޔާނުގައި އިތުރަށް ވިދާޅުވީ އެއީ އާއިލާއަށް ކުރިމަތިވި ވަރަށް އުނދަގޫ ނިންމެވުމެއް ކަމަށާއި އަދިވެސް ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްޕުޅުތައް ހުރުމުން ފަހުގެ ނިންމެވުން ކުރިއަށް އޮތް ދުވަސްތަކުގައި ނިންމަވާނެ ކަމަށެވެ.
ކެނެޑާއާއި އިނގިރޭސި ވިލާތާއި ދެ ގައުމުގައި ދިރިއުޅުއްވަން ޕްރިންސް ހެރީ އަދި މޭގަން ނިންމަވައި އެކަން އިއުލާން ކުރެއްވިއިރު އާއިލާގެ އެއްވެސް މެންބަރަކާ މަޝްވަރާ ކުރައްވާފައި ނުވާތީ އެކަމާ ޝާއިލާ އާއިލާގެ ތެރޭގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.
ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑިއު ގްލޯބަލް ނިއުސަށް ވިދާޅުވީ ޕްރިންސްގެ ދެކަނބަލުން ކެނެޑާއަށް ބަދަލުވެވަޑައިގަތުމާ ގުޅޭގޮތުން އަދި މަޝްވަރާ ކުރައްވާފައި ނުވާ ކަމަށެވެ. އެހެންކަމުން ސެކުއިރިޓީ ދެއްވަންވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
މީގެ ކުރިން ޕްރިންސް ހެރީ އަދި މޭގަން ވަނީ ޝާހީ ދިރިއުޅުއްވުމުގެ ދަތިކަމުގެ ވާހަކަ އެތައް ފަހަރަކު ދައްކަވާފައެވެ. ހާއްސަކޮށް މީޑިއާއިން ލިބެމުންދާ ސަމާލުކަމުގެ ސަބަބުން ދެކަނބަލުންނަށް ބޭނުންފުޅުވާ ޕްރައިވަސީ ލިބިވަޑައިނުގަންނަވާތީ އެވާހަކަ ވަނީ ދައްކަވާފައެވެ. ހެރީ ވަނީ އޭނާގެ މަންމާފުޅު ޕްރިންސަސް ޑަޔާނާ އަވަހާރަވެވަޑައިގެންނެވި ގޮތާއި އޭރު ދިމާވި ދަތިތަކުން، އެކަހަލަ ކަމެއް އަބިކަނބަލުނަށް ދިމާވުމުގެ ބިރު އޮތްކަމަށް ވެސް ވިދާޅުވެފައެވެ.