ހިމަބިހި

ހިމަބިހި ފެތުރުން ކޮންޓްރޯލު ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް، ވެކްސިން ޖެހުމަށް ތިން މަސްދުވަހުގެ ޕްރޮގްރާމެއް

އާނިފާ ހުސެއިން ސިރާޖް

ހިމަބިހި ފެތުރުން ކޮންޓްރޯލު ކުރުމަށް ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އަޅައި، ވެކްސިން ޖެހުމަށް ތިން މަސް ދުވަހުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މިކަން ހާމަ ކުރެއްވީ، ހިމަބިހީގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިހާރު ކުރިޔަށް ގެންދާ ނޫސްވެރީންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.

ހިމަބިހި ކޮންޓްރޯލު ކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ފަށާފައި ވާއިރު، މިދިޔަ އެއް ހަފުތާގެ ތެރޭގައި ހިމަބިއްސަށް ޕޮސިޓިވް ދެ މައްސަލައެއް ވަނީ ރާއްޖޭން ފެނިފަ އެވެ. އޭގެ ތެރެއިން އެކަކީ ތިން އަހަރުގެ ކުޑަ ކުއްޖެކެވެ. ދެވަނައަށް ބަލި ފެނިފައި ވަނީ 30 އަހަރުގެ މީހެއްގެ ހަށިގަނޑުންނެވެ. މީގެ އިތުރުން ޝައްކު ކުރެވޭ 17 އަހަރުގެ ކުއްޖަކު ރޭގެ ވަގުތެއްގައި އައިޖީއެމްއެޗުގައި އެނދުމަތިކޮށް ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ، ބަލި ކޮންޓްރޯލު ކުރުމަށް ސަރުކާރުގެ ކަމާ ގުޅޭ ހުރިހާ މުއައްސަސާ ތަކާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް މިހާރު އަޅަމުން އަންނަ ކަމަށެވެ. އެ ގޮތުން ބަލި އާދަޔާ ހިލާފަށް ފެތުރިއްޖެ ނަމަ، އައިސޮލޭޓް (އެކަހެރިކޮށް) ބައިތިއްބައިގެން ފަރުވާ ދެވޭނެ އިންތިޒާމުތައް ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހިމަބިހިން ސަލާމަތް ވުމަށް ޖަހަން ޖެހޭ ވެކްސިން އެއްގޮތަކަށް ވެސް ނުޖަހައި ތިބި މީހުންނަށް ވެކްސިން ޖެހުމަށާއި ޑޯޒް ހަމަ ނުކޮށް ތިބި މީހުންނަށް ޑޯޒް ހަމަކުރުމަށް އަމާޒުކޮށްގެން ތިންމަސް ދުވަހުގެ ހާއްސަ ޕްރޮގްރާމެއް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފަށާފައިވާ ކަމަށެވެ.

"މި ބަލި ޖެހުމުގެ ފުރުސަތު ބޮޑީ ވެކްސިން ނުޖަހާ މީހުންނަށް. ނޫނީ ވެކްސިން ފުރިހަމަ ނުކޮށް ތިބި މީހުންނަށް. އެހެންވީމަ އެފަދަ ފަރާތްތަކުން ކަމާ ބެހޭ އިދާރާތަކަށް ގޮސް އަވަހަށް ވެކްސިން ޖަހަންވީ. ވެކްސިން ނުޖަހާ މީހުންނަށް ވެކްސިން ޖެހުމަށް އަދި ޑޯޒް ހަމަނުކޮށް ތިބި މީހުންނަށް ހަމަކުރަން މިހާރު ވާނީ އަންގާފަ." ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.