މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވާތީ އެކަމާ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކޯފާ އިސް ނުކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ހއ. ހޯރަފުށީގައި މިއަދު ބޭއްވި އެމްޑީޕީ ޖަލްސާއެއްގައި އެރަށު ރައްޔިތުންނާއި މުހާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ސަރުކާރުގެ ކަންކަމާ އަބަދުވެސް ޝަކުވާ ހުންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީ މެންބަރުންގެވެސް ޝަކުވާތައް ސަރުކާރާއި މެދު ހުންނާނެކަން ގަބޫލު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ސަރުކާރުން ތިބޭނީ އެ ޝަކުވާތައް ބަލައިގަތުމަށް ކަމަށެވެ. އަދި އަބަދު ސަރުކާރަށް ހުޝާމަދުކޮށްގެން ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ވާ ގޯސް ކަންކަމާއި ރަނގަޅު ކަންކަންވެސް ސަރުކާރާ ހިއްސާ ކުރަން ޖެހޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން އެ ޝަކުވާތަކަށް ބިނާކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތެއް އޮވެ ހިންގާ މިހާރުގެ މަޖިލީހުގައިވެސް ސަރުކާރުގެ ވަޒީރުންނާ ސުވާލުކޮށްފައި ވާނެ ކަމަށާއި، އެމްޑީޕީގެ ވަޒީރުންނާވެސް ސުވާލު ކޮށްފައިވާނެ ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.
"ކުރިއަށް އޮތްތަނުގައިވެސް ތިބޭފުޅުންގެ ޝަކުވާއެއް ސަރުކާރުގެ އެއްވެސް ކަމަކާއި ގުޅޭ ގޮތުން އޮތް ނަމަ ތިބޭފުޅުންގެ މެންބަރު އެ ޝަކުވާ ނުއުފުލައެއް ނުހުންނާނެ. އަދި އެ ޝަކުވާ އުފުލޭނެ ގޮތް މާ ރީތިކޮށް މިއޮތީ ހަމަޖެހިފަ. ސަރުކާރުން ތިބޭނީ އެޝަކުވާ ބަލައިގަންނަން ތައްޔާރަށް. ޖަދަލެއް ނުކުރައްވާނެ. ރުޅިއެއް ސަރުކާރަކުން ނާންނާނެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތިބޭފުޅުން ޝަކުވާ ކޮށްގެނެއް އެއްވެސް ހާލެއްގައި ކޯފާ އިސް ނުކުރައްވާނެ. އަޅުގަނޑަށް ޔަގީން ކަށަވަރު." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ސަރުކާރުންގެ ބޭނުމަކީ ރައްޔިތުންގެ ޝަކުވާ އަޑުއެހުން ކަމަށެވެ. އަދި ރައްޔިތުންނަށް ފާހަގަތި މުސްތަގުބަލެއް ފޯރުކޮށްދިނުން ކަމަށެވެ.