ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކޮށްފިއެވެ.
ޕީޕީއެމް އިން މިއަދު ކުރީ ޓުވީޓެއްގައި ބުނީ އެ ޕާޓީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު މިމަހުގެ 24 ވަނަ ދުވަހުގެ 16:00ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެ ޕާޓީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ ނިމިދިޔަ ޑިސެމްބަރު މަހު 29 ގައެވެ. ޕްރައިމަރީގައި ވާދަކުރުމަށް އެދި ހުށައެޅުމުގެ ފަހު ދުވަހަކަށް އެންމެ ފުރަތަމަ ކަނޑައަޅާފައިވަނީ މިމަހު ހަތެކެވެ. ނަމަވެސް އެ މުއްދަތު ފަހުން ވަނީ މިއަދުގެ ނިޔަލަށް އިތުރުކޮށްފައެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ޕީޕީއެމުން ވަނީ ނިންމައިފައެވެ. އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރަން ނިންމާފައިވަނީ ޕީޕީއެމްގެ ޓިކެޓުގައެވެ.