ލާމަރިކަޒީ ނިޒާމު ހިންގަން އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ނޭނގޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ކައުންސިލް އިންތިހާބަށް އެމްޑީޕީން ހއ ގެ ރަށްތަކަށް ކުރާ ދަތުރުތަކުގެ ތެރެއިން ހއ. އިހަވަންދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމްޑީޕީން ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ބޭނުންވަނީ ސަރުކާރުގެ އެޖެންޑާ ރަށްރަށުގައި ރައްޔިތުންނަށް ފައިދާވާނެހެން ހިންގުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިކަން ކުރަން އެމްޑީޕީ ނޫން ޕާޓީއަކަށް ނޭނގޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމު ތައާރަފު ކުރިކަން ނަޝީދު ފާހަގަ ކުރެއްވިއެވެ. ނަމަވެސް ދެން ވެރިކަމަށް އައި ފަރާތްތަކުން އެ ނިޒާމު ހަލާކުކޮށްލާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެއްވެސް ރަށެއްގައި އަމިއްލައަށް އެއްވެސް މަސައްކަތެއް ނުހިންގޭ މިންވަރަށް އެ ނިޒާމު ބަލިކަށި ކޮށްލާފައިވާ ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި ކުރީ ސަރުކާރު ތަކުން ހުރިހާ ބާރަކާއި ހުރިހާ އިންތިޒާމެއް ވެރިންގެ މުށުތެރެއަށް، މާލެއަށް ބަދަލު ކުރި ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ލާމަރުކަޒީ ނިޒާމު ވަރުގަދަ ކުރުން ކަމަށެވެ. ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން އެކަމަށް ވަކާލާތު ކުރާ އެމްޑީޕީގެ ވިސްނުމެއް ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި މިކަމަކީ އެހެން ބަޔަކަށް އެނގޭނެ ކަމެއް ނޫން ކަމަށާއި މިއީ އެހެން ބަޔަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އަދި އެހެން ޕާޓީތަކުގައި ލާމަރުކަޒީ ނިޒާމުގެ ވިސްނުމެއް ނެތް ކަމަށާއި، އެއީ އެހެން ޕާޓީތަކަށް ވާނެ ކަމެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.