ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނަށް ވެރިކަމުގެ އެންމެ ފުރިހަމަ ހިތްހަމަ ޖެހުން ނުލިބެނީ އިއްތިހާދުގެ ސަބަބުން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީން ހއ. އިހަވަންދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ ޕާޓީގެ މެންބަރުންނާއި ޕާޓީގެ މަސައްކަތުގައި އުޅުނު މީހުންނަށް ހައްގުވާ މިންވަރު ނުލިބެނީ ބައިއަޅަން ޖެހޭތީ ކަމަށެވެ.
"އެމްޑީޕީގެ ސަރުކާރު އުފެދިގެން އައުމާއެކުގަ، އަދި މި ރަށްތަކުގައިވާ އެމްޑީޕީގެ މެމްބަރުންނަށް އޭގެ ފުރިހަމަ ހިތްހަމަ ޖެހުމެއް ލިބިގެން، ހޯދިގެން ނާންނަތަން. ހިތްހަމަޖެހުމެއް ލިބިގެން ހޯދިގެން މި ނާންނަނީ, އަޅުގަނޑަށް ފެންނަ ތަނުގައި އޭގާވާ ސިއްރަކީ އިއްތިހާދު. މި ޕާޓީގެ މެންބަރުންނަށްވެސް އަދި ޕާޓީގެ މަސައްކަތުގައި މިއޮތްހާ ޒަމާނު އުޅުނު މީހުންނަށް ހައްގުވާ މިންވަރު، އެމީހުންނަށް ލިބެން ޖެހޭ ބައި، ނުލިބި މިދަނީ އެބައި އެހެން ތަންތަނަށް އަޅަންޖެހޭ މިންވަރުން،"އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ސަރުކާރު އުފެދިގެން އައީ އިއްތިހާދުގެ ތެރެއިން އެހެން ޕާޓީތަކާ ގުޅިގެންކަން ނަޝީދު ފާހަގަ ކުރެއްވިއެވެ. އެހެން ޕާޓީތަކާ ގުޅިގެން ވެރިކަމަށް އައި ނަމަވެސް މަޖިލީހުގެ އިންތިހާބާއި ކުރިމަތިލީ އެމްޑީޕީން އެކަނިކަން ނަޝީދު ފާހަގަ ކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ރައްޔިތުން ދިނީ އެމްޑީޕީއަށްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އޭގެން ރައްޔިތުން އެދޭގޮތާއި އެމީހުން ތިބި ގޮތް ސާފުވެއްޖެ ކަމަށެވެ.
ރާއްޖޭގެ ވެރިކަން ތަރުތީބު ވެގެންދާނީ ރައްޔިތުންގެ ފިކުރު އޮތް ގޮތަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރައްޔިތުން ނޭދޭ ގޮތަކަށް ރާއްޖޭގެ ވެރިކަން ނޯންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.