ސިޔާސީ

އިދިކޮޅު ޕީޕީއެމްގެ އެތައް މެންބަރުންނެއްގެ ނަން އެމްޑީޕީގެ ދަފްރަތުގައި!

އާނިފާ ހުސެއިން ސިރާޖް

1

އެމްޑީޕީ މެންބަރުންގެ މައުލޫމާތު ހިމެނޭ ދަފުތަރުގައި އިދިކޮޅު ޕީޕީއެމްގެ ގިނަ މެންބަރުންތަކެއްގެ ނަން ހިމަނާފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ ގެ ދަފުތަރު އެކުލަވާލުމުގައި ބޮޑެތި އޮޅުވާލުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ޕީޕީއެމްގެ އެތައް މެންބަރުންނެއް އެމްޑީޕީގެ ދަފުތަރުގައި ހިމަނާފައިވާ ކަަމަށާއި ނަމަވެސް ޕާޓީ ފޯމުގައި އޮންނަނީ އެހެން މީހެއްގެ ފިންގާ ޕްރިންޓު ކަމަށެވެ.

ހަލީލް ވަނީ އޭނާގެ ނަން އެމްޑީޕީގެ ދަފްތަރުގައި އޮތް ފޮޓޯއެއްވެސް ޓުވީޓު ކުރައްވާފަ އެވެ.

މިކަމާ ގުޅޭގޮތުން މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ހަލީލު ވިދާޅުވީ އެމްޑީޕީީގެ ދަފުތަރުގައި ސާޗުކުރުމުން އޭނާގެ ނަން އަންނަ ކަމަށާއި ނަމަވެސް ނަން އަންނަ އިރު ދަފުތަރުގައި ނުހިމެނޭ ކަމަށް ދައްކާ ކަމަށެވެ. ނަމަވެސް އޭނާގެ ޕާސަނަލް ހުރިހާ މައުލޫމާތު ތަކެއް ދަފުތަރުން ފެންނަން އެބަހުރި ކަމަށެވެ.

"މީގަ އަޅުގަނޑުގެ ކޮންސާނަކީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުގެ މުޅި ޑާޓާބޭސް އެއޮތީ އެމްޑީޕީން ނަގާފަ އެމްޑީޕީގެ ދަފްތަރުގައި ރައްކާކޮށްފަ. އެހެންވީމަ އެގޮތަށް އޮތީމަ ހަމަ ދިވެހި ކޮންމެ ރައްޔިތެއްގެ އައިޑިކާޑު ޖެހިޔަސް ވެސް އަންނާނެ އެމީހެއްގެ ނަމާ، އައިޑީކާޑު ނަންބަރާ، އެމީހެއްގެ ރަށާ އެޑްރެހާ މި ހުރިހާ މައުލޫމާތުތަކެއް އަންނާނެ. އެހެންވީމަ ވަރަށް ޕާސަނަލް މައުލޫމާތު ތަކެއް އެމްޑީޕީން މިއޮތީ. އަޅުގަނޑުގެ ތުހުމަތަކީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭންގެ ޑާޓާބޭސް އެބޭފުޅުން ނަންގަވާފައި އޮތް ކަމަށް." ހަލީލު ވިދާޅުވިއެވެ.

އެމްޑީޕީގެ ދަފްތަރުގައި ހަލީލުގެ ނަން އޮތް ފޮޓޯގެ ޓުވީޓު

ހަލީލު ވިދާޅުވީ އެމްޑީޕީގެ ދަފުތަރުގައި ހިމަނާފަައި ވަނީ އިދިކޮޅު ކިތައް މެންބަރުންކަން ސީދާ ވިދާޅުވާން އެނގިވަޑައި ނުގަންނަވާ ކަމަށާއި ނަމަވެސް ސީދާ އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ދަފުތަރުގައި ހިމަނާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވަނީ މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދުގެ އިތުރުން ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ލަތީފުގެ ނަން ކަމަށެވެ.

އޭގެ އިތުރުން ޕީޕީއެމްގެ ބައެއް ކައުންސިލު މެންބަރުންނާއި ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ބައެއް ބޭފުޅުންވެސް ހިމެނޭ ކަަމަށް ހަލީލު ވިދާޅުވިއެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ އެސްޖީގެ މުޅި އާއިލާ އޮތީ އެމްޑީޕީގައި ކަމަށް ކަމަށްވެސް ހަލީލު ވިދާޅުވިއެވެ.

"އެހެންވީމާ މީގެން އެބަ އެނގޭ ވަރަށް ބޮޑެތި އޮޅުވާލުންތަކެއް އެމްޑީޕީގެ ދަފްތަރު އެކުލަވާލުމުގައި އެބައޮތް ކަން." ހަލީލު އިތުރަށް ވިދާޅުވިއެވެ.

ހުއްދަނެތި އާއިލާއެއްގެ މެންބަރުންތަކެއްގެ ނަން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ދަފްތަރުގައި ހިމަނާފައި އޮތް ކަމަށް ބުނާ ފޮޓޯގެ ޓުވީޓު

މިކަމާ ބެހޭގޮތުން ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ލަތީފު މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެއީ އެމްޑީޕީން މަކަރާއި ހީލަތުން ކޮށްފައިވާ ކަަމެއް ކަމަށެވެ. އޭނާގެ ނަން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އޮންނަންވީ ސަބަބެއް ނޭނގޭ ކަމަށާއި އަދި އެ މައްސަލައިގެ ޝަކުވާ މިހާރު ވާނީ ހުށަހަޅާފައި ކަމަށްވެސް ލަތީފު ވިދާޅުވިއެވެ.

ލަތީފު ވިދާޅުވީ ތިމަރަފުށީ ދާއިރާގެ ޖުމުހޫރީ ޕާޓީ މެންބަރު އަބްދުﷲ ރިޔާޒްގެ ނަންވެސް އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައިވާ ކަަމަށެވެ.

ލަތީފު ވަނީ އޭނާގެ ނަން އެމްޑީޕީގެ ދަފްތަރުން އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ދައްކާ ފޮޓޯއެއްވެސް ޓުވީޓުކޮށްފައެވެ.

އެމްޑީޕީގެ ދަފްތަރުގައި ލަތީފުގެ ނަން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އޮތް ކަމަށް ބުނާ ފޮޓޯގެ ޓުވީޓު

ޕާޓީއެއްގެ ދަފްތަރުގައި މީހެއްގެ ނަން ހިމެނޭނީ އައިޑީކާޑުގެ މައުލޫމާތުތައް ހިމެނޭ ގޮތަށް އެކަމަށް ހާއްސަ ފޯމެއް ފުރައި އެ ޕާޓީއަށް ހުށަހެޅުމުންނެވެ. ބައެއް ފަހަރު ޕާޓީތަކުން އެ ފޯމް ބަލައިގަތުމުގެ ކުރިން މެންބަރަށް ގުޅައި، މައުލޫމާތު ކަށަވަރު ވެސް ކުރެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟