ސިޔާސީ

އެމްޑީޕީގެ ކެމްޕޭން ދަތުރުތަކަށް ސަރުކާރުން ހަރަދެއް ނުކުރާނެ، އެހަރަދު ކުރަނީ އެމްޑީޕީން: ހަސަން ލަތީފް

އެމްޑީޕީގެ ކެމްޕޭން ދަތުރުތަކަށް ސަރުކާރުން ހަރަދު ނުކުރާނެ ކަމަށާއި އެކަން ކުރަނީ އެ ޕާޓީން ކަމަށް އެމްޑީޕީގެ ޗެއާޕާސަން، އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފު މިހެން މި ވިދާޅުވީ، އެމްޑީޕީގެ ކެމްޕޭން ހަރަކާތްތަކާއި ދަތުރުތައް ވަރަށް ފުޅާކޮށް ފަށާފައިވާ އިރު އެކަމަށް ސަރުކާރުގެ ފައިސާ އާއި ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށް އިދިކޮޅުން ތުހުމަތުކުރަމުންދާ ވަގުތެއްގަ އެވެ. އެމްޑީޕީގެ ކެމްޕޭނުގައްޔާއި އެ ނޫންވެސް އެ ޕާޓީން ހިންގާ އެކި ކަހަލަ ސިޔާސީ ހަރަކާތްތަކުގައި، ސަރުކާރުގެ ފައިސާއާއި ވަސީލަތްތައް ބޭނުންކުރާތީ، އެމައްސަލަ ބަލަން ޖެހޭ ކަމަށް ވެސް އިދިކޮޅުން ދަނީ ބުނަމުންނެވެ.

ހަސަން ލަތީފު ވިދާޅުވީ، އެމްޑީޕީގެ ހަރަކާތްތައް ހިންގާނީ މެންބަރުންނާއި ޕާޓީއަށް ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ކަމަށެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރު ވުމަށް އެމްޑީޕީން ވަނީ ކެމްޕޭން ހަރަކާތްތައް ވަރަށް ފުޅާ ދާއިރާއެއްގައި ފަށައިފަ އެވެ. ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް 1400 އަށްވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.