ހިމަބިހި ޖެހިގެން ފަރުވާ ހޯދި ކުއްޖާއަކީ މީސަލްސް ވެކްސިންގެ ދެޑޯޒު ފުރިހަމަ ނުކޮށް ހުރި ކުއްޖެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހިމަބިއްސަށް ޕޮޒިޓިވް ވުމުގެ ސަބަބުން އައިޖީއެމްއެޗަށް އިތުރު ފަރުވާއަށް ގެންދެވުނީ ތިން އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އެކުއްޖާ ދޫކޮށްލާފައި ވަނީ ތިން ދުވަހު ފަރުވާ ދިނުމަށް ފަހު ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، އެކުއްޖާވަނީ ނުވަ މަހުގައާއި 18 މަހުގައި ދޭން ޖެހޭ މީސަލްސް ވެކްސިންގެ ދެޑޯޒު ފުރިހަމަ ނުކޮށް ކަމަށެވެ. އަދި އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު، ކުއްޖާގެ ހާލު ރަނގަޅުވެ، އަދި އޭނާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައި ވުމުން މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ބުނީ، އެކުއްޖާއަށް ހިމަބިހި ޖެހިފައިވާކަން ދެނެގަނެވިފައި ވަނީ ހުން އައުމާއެކު ހަމުގައި ބިހިނަގައިފި ނަމަ މީސަލްސް އަދި ރުބެއްލާއަށް ޓެސްޓު ކުރުމަށް ރާއްޖޭގައި ގާއިމުކޮށްފައިވާ ސަވައިލެންސް ނިޒާމުގެ ތެރެއިން ކަމަށެވެ. އަދި މިދިޔަ ބުދަ ދުވަހު އެކުއްޖާގެ މައްސަލަ ރިޕޯޓްކުރުމާއެކު އެކަމާ ގުޅިގެން ކުރަން ޖެހޭ ތަހުގީގުތައް ފަށާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.
އެގޮތުން އެކުއްޖާގެ ފަރާތުން ބަލިފެތުރުމުގެ ފުރުސަތު އޮތް ދުވަސްވަރު ދެނެގަނެ އެދުވަސްތަކުގައި އެކުއްޖާއާއި އެކުގައި އުޅެފައިވާ ނުވަތަ ކައިރިވެފައިވާ ފަރާތްތައް ހޯދައި، އޭގެ ތެރެއިން މީސަލްސް ވެކްސިން ދެ ދެޑޯޒު ހަމަކޮށްފައިނުވާ ފަރާތްތަކަކަށް ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނޭ ކަމަށް ބުނެފައި ވެއެވެ.
އެޗްޕީއޭއިން ބުނީ ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެއް ކަމުން، ވެކްސިންގެ ދެޑޯޒު ފުރިހަމަ ނުކުރާ ފަރާތްތަކަށް އެބަލި ޖެހިފައިވާ މީހެއްގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެހެންކަމުން ބަލިފެތުރުމުގެ ފުރުސަތު އޮތް މުއްދަތުގައި ހިމަބިހި ޖެހިފައިވާ ކުއްޖާ ޒިޔާރަތްކުރި ތަންތަނާއި ވަގުތުތަކުގައި އުޅުނު މީހުންގެ ތެރެއިން ވެކްސިންގެ ދެޑޯޒު ފުރިހަމަ ނުކުރާ ފަރާތްތަކަށް ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ، އެތަންތަނަށް އެވަގުތުތަކުގައި ދިޔަ ފަރާތްތަކުގެ ތެރެއިން ދެޑޯޒު މީސަލްސް ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކުން އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.
- ވެކްސިން ދޭ މަރުކަޒަށް ވަޑައިގެން ވެކްސިން ޑޯޒުތައް ފުރިހަމަ ކުރުން
- 21 ދުވަހުގެ ތެރޭގައި ހުންއައުމާއެކު ހަމުގައި ބިހިނަގައިފިނަމަ، ލަސް ނުކުރައްވާ ސިއްހީ ފަރުވާ ހޯދުން
އެޗްޕީއޭއިން ބުނީ، ސިއްހީ ފަރުވާ ހޯއްދެވުމަށް މާލޭގައި ނަމަ އައިޖީއެމްއެޗްގެ އިމަޖެންސީ ޓްރިއާޖަށް ގޮސް އަދި ހުޅުމާލޭގައި ނަމަ 1417 އިން ހުޅުމާލެ ހޮސްޕިޓަލަށް ގުޅުމަށް އެދޭ ކަމަށެވެ. އަދި އަތޮޅުތެރޭގައި ނަމަ އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް ގޮސް، އަލާމާތްތަކުގެ މައުލޫމާތު ކައުންޓަރަށް ދިނުމަށް އެޗްޕީއޭއިން އެދެއެވެ.