އޮމާންގެ ރަސްގެފާނު ގާބޫސް ބިން ސައީދު އަވަހާރަވުމުން، އެގައުމުގެ ރަސްކަމުގެ ތަހުތަށް ހައިތަމް ބިން ތާރިގް އަލް ސައީދު އައްޔަންކޮށްފިއެވެ.
ރަސްކަމަށް 1970 ގައި އައްޔަން ކުރެއްވި އަދި އޮމާނުގައި މިހާތަނަށް އެންމެ ގިނަ ދުވަސްވަންދެން ވެރިކަން ކުރެއްވި ސުލްތާން ގާބޫސް، 79 އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު އިއްޔެގެ ވަގުތެއްގައެވެ.
އުސޫލެއްގެ ގޮތުން އޮމާންގެ ރަސްކަމަށް ބޭފުޅަކު އިސްކުރުމަށް އޮންނަނީ ވެރިކަމުގައި ހުންނަވާ ބޭފުޅަކު އަވަހާރަވާތާ ތިން ދުވަހުގެ ތެރޭގައެވެ.
ނަމަވެސް ސުލްތާން ގާބޫސްގެ ދަރިއަކު ލިބިވަޑައިގެންފައިނުވާތީ އާއި ގާބޫސްއަށްފަހު އޮމާންގެ ރަސްކަމާ ހަވާލުވާނެ ބޭފުޅަކު އާންމުކޮށް އިއުލާން ކުރައްވާފައެއް ނުވާތީ، އެގައުމުގެ ޝާހީ އާއިލާގެ މަޖިލީހުން ވަނީ ބައްދަލުުވުމެއް ބާއްވައި އެގައުމުގެ ރަސްކަމަށް ހައިތަމް ބިން ތާރިގް އަލް ސައީދު އައްޔަންކޮށްފައެވެ. އަދި ސުލްތާން ހައިތަމް ބިން ތާރިގް މިހާރު ވަނީ ރަސްކަމުގެ ހުވާކުރައްވައިފައެވެ.
އޮމާންގެ ރަސްކަމަށް އިސްވެވަޑައިގެންނެވި ހައިތަމް ބިން ތާރިގަކީ ސުލްތާން ގާބޫސްއާ ދެބޭންގެ ދެދަރި ބޭފުޅެކެވެ.
އޮމާންގެ ދައުލަތުގެ ޓީވީން ބުނީ، ޝާހީ އާއިލާއިން އެގޮތަށް ނިންމީ ސުލްތާން ގަބޫސް އަވަހާރަވުމަށްފަހު އެގައުމުގެ ވެރިކަމަށް ގެންނަން އެންމެ ރަނގަޅު ބޭފުޅާގެ ނަމާއެކު ގަބޫސް ލިޔެފައިވާ ސިޓީފުޅެއް ހުޅުވުމަށްފަހު ކަމަށެވެ.