ފަތުރުވެރިކަމާއި ހޮސްޕިޓޭލިޓީ ދާއިރާގެ ޝަރަފުގައި ދެކުނު އޭޝިއާ ސަރަހައްދުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް، ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ނޮމިނޭޝަންސް އަށް ހުޅުވާލައިފިއެވެ.
ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ އެވޯޑްސްގައި ވިޒިޓާސް ޗޮއިސް އަދި ސްޕެޝަލަ ރިކޮގްނިޝަން އެވޯޑްސްގެ އިތުރަށް ނުވަ ކެޓަގަރީއެއް އިތުރުކޮށް، ޖުމްލަ 52 ކެޓަގަރީއަކަށް ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ސަޓާގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް އެވޯޑުތަކަށް ނޮމިނޭޓް ކުރެވޭއިރު ނޮމިނޭޝަނަށް ހުޅުވާލާފައިވަނީ އަންނަ މަހުގެ 29ގެ ނިޔަލަށެވެ.
ސަރަހައްދީ ޓޫރިޒަމް އަދި ހޮސްޕިޓޭލިޓީ ދާއިރާގެ ކުރިއެރުމަށް ސަޓާ އިން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަންކޮށް 15 އަށްވުރެ ގިނަ ބައިނަލްއަގްވާމީ އަދި ސަރުކާރުގެ އިދާރާތަކުން ސަޓާ އެވޯޑްސް ވަނީ އެންޑޯސްކޮށްފައެވެ.
ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. އަދި ޖެހިގެން އައި 2017 އަހަރު ރާއްޖޭގެ އައްޑޫ ސިޓީގެ އީކުއޭޓާ ވިލޭޖުގައި އެވޯޑް ހަފްލާ ބޭއްވިއިރު 2018 ވަނަ އަހަރު ސަޓާ އެވޯޑްސް ހަފުލާ ބޭއްވީ އިންޑިއާގެ މުމްބާއީގައެވެ. އަދި މިދިޔަ އަހަރު އެވޯޑްސް ހަފްލާ ބާއްވާފައިވަނީ ސްރީލަންކާގެ އަމާރީ ގޯލްގައެވެ.
މިދިޔަ އަހަރު ސަޓާގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން"އެވެ.