ޔޫކްރެއިން އެއާލައިންގެ ފްލައިޓު ވައްޓާލި ކަމަށް އީރާނުން އެއްބަސްވެއްޖެއެވެ.
ޔޫކްރެއިންގެ ގައުމީ އެއާލައިންގެ އެ ފްލައިޓު އީރާނަށް ވެއްޓުނީ، އެގައުމުގެ ވެރިރަށް ތެހެރާނުގައި ހުންނަ އިމާމް ހާމަނާއީ އެއާޕޯޓުން 180 ފަސިންޖަރުންނާއެކު ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ފުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. ފްލައިޓު ވެއްޓުމާއެކު ދަތުރުކުރި އެންމެން ވަނީ މަރުވެފައެވެ.
އިރާނާއި އެމެރިކާގެ ތަޅާފޮޅުމުގެ ތެރެއިން ފްލައިޓު ވެެއްޓުމުގެ ކުރިން އިރާނުން ވަނީ އިރާގުގައި ހުންނަ އެމެރިކާގެ ބޭސް އަކަށް ވައިގެ މަގުން ހަމަލާ ދީފައެވެ. ފްލައިޓު ވެއްޓުމާއެކު ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް އެކި ގައުމުތަކުން ދިޔައީ އީރާނަށް ޕްރެޝަރު ކުރަމުންނެެވެ. ނަމަވެސް އިރާނުން ދިޔައީ ހުރިހާ ކަމެއް ސިއްރުކޮށް ފްލައިޓުގެ ކަޅުފޮށި ވެސް ނުލިބޭނެ ކަމަށް ބުނަމުންނެވެ.
ނަމަވެސް ފްލައިޓް ވެއްޓުނު ހާދިސާ އީރާނުން ތަހުގީގުކުރުމަށްފަހު އެގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެފައިވަނީ، ފްލައިޓު ވެއްޓުނީ އެގައުމުގެ އަސްކަރިއްޔާއިން އޮޅިގެން ދެވުނު ހަމަލައަކުން ކަމަށާއި އެއަމަލު ހިންގި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
އީރާނުގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒާރިފް ވިދާޅުވީ ޔޫކްރެއިން ފްލައިޓު ވެއްޓިފައިވަނީ "ހިއުމަން އެރާ" އަކުން ކަމަށެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވީ އެމެރިކާއިން ކުރިމަތި ކޮށްފައިވާ ޕްރެޝަރުތަކުގެ ތެރެއިން އޮޅުމަކުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.