ކުއްލި ޚަބަރު

ރާއްޖެއިން ހިމަބިއްސަށް ޝައްކުވާ މީހަކު ފެނިއްޖެ

އާނިފާ ހުސެއިން ސިރާޖް

ރާއްޖެއިން ހިމަބިހި ނުވަ މީސްލްސްއަށް ޝައްކުވާ މީހަކު ފެނިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން ބުނީ ހިމަބިއްސަށް ޝައްކުވާ ފަރާތެއް ފެނުމުން، ޓެސްޓްުކޮށް ބަލި ހުރިތޯ ޔަގީކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެގޮތުން ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށާއި އެއްވެސް ސަބަބަކާހުރެ ވެކްސިން ދޭންޖެހޭ މުއްދަތުގައި ވެކްސިން ނުދެވުނު ނަމަވެސް، ވީ އެންމެ އަވަހަކަށް ވެކްސިން ދޭ މަރުކަޒަކަށްވަޑައިގެން، ވެކްސިންގެ ޑޯޒު ފުރިހަމަ ކުރުމަށް އެޗްޕީއޭ އިން އެދެއެވެ.

ރާއްޖެއިން ހިމަބިހި އެއްކޮށް ނައްތާލެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ކަނޑައެޅީ 2017 ވަނަ އަހަރުއެވެ.

ނަމަވެސް ރާއްޖެއިން ހިމަބިއްސަށް ޝައްކުވާ މީހަކު ފެނިއްޖެކަން އެންމެ ފުރަތަމަ ހާމަކުރެއްވީ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލްއެވެ.

ހިމަބިހި ޖެހިގެން ކޮންގޯއިން 6،000 ވުރެ ގިނަ ކުޑަކުދިން މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކޮށްފައިވާ ހަބަރެއް ހިއްސާ ކުރައްވާ ޑރ. ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހިމަބިހި ރާއްޖެއިން ފެނިފައި މިވަނީ ދޮޅު އަހަރަށް ފަހު ކަމަށެވެ.

އެހެންކަމުން ކުދިންގެ ވެކްސިން ކާޑު ޗެކް ކޮށް، ހަނދާންނެތިގެން ވެސް ނުޖެހި ހުރި ވެކްސިންތައް ހަމަކުރެއްވުމަށް ފައިސަލް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވެކްސިން ނުޖަހާ ހުއްޓާ އޭގެން ރައްކާތެރިކޮށްދޭ ބައްޔެއް ޖެހިއްޖެނަމަ ކޮންޓުރޯލް ކުރެވޭނޭ ގޮތްތައް ރާއްޖޭގައިވެސް މަދުވާނެ ކަމަށެވެ.

ޑރ. ފައިސަލް ވިދާޅުވީ ހިމަބިހި ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް، އެމްއެމްއާރު އަދި އެމްއާރު މިއިން ކޮންމެވެސް އެއްޗެއްގެ ދެ ޑޯޒް ހަމަކޮށްފައި ހުރުން ކަމަށެވެ. އަދި ހިމަބިހި ޖެހިފައި ހުރި މީހަކު ތަނެއްގައި މަޑުކޮށްލައިގެން އިނދެފައި ދިޔަޔަސް އެއް ގަޑިއިރުވަންދެން އެ ވައިރަސް އެތަނުގައި ހުންނަ ކަމަށާ އަދި އެތަނަށް އަންނަ އެހެން މީހުންނަށް އެ ބަލި ޖެހޭނެ ކަމަށެވެ.