ޝާހީ މަސައްކަތުން ދުރަށް ޖެހިވަޑައިގަތުމަށް ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް ނިންމައި އެކަން އިއުލާން ކުރައްވައިފިއެވެ.
އެ ދެމަފިރިންގެ ފަރާތުން އިންސްޓަގުރަމްގައި އިއްޔެ ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ޝާހީ އާއިލާގެ ސީނިއާ މެންބަރުންގެ މަގާމު ދޫކޮށްލައްވާ އަމިއްލަ މިނިވަން ދިރިއުޅުމެއް އުޅެން ނިންމަވާފައިވާ ކަމަށާއި އެގޮތުން ދެމަފިރިންގެ ވަގުތު އިނގިރޭސިވިލާތާއި އުތުރު އެމެރިކާގައި ހަމަހަމައަށް ހޭދަކުރެވޭނެ ގޮތަށް ބެހުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެ ނިންމުން ނިންމީ އެތައް މަހެއްވަންދެން އެކަމާމެދު ވިސްނެވުމަށްފަހު ކަމަށް ބުނެފައިވެއެވެ.
"ދެ ގައުމުގައި ވަގުތު ހޭދަކުރުމުން އަހަރުމެންގެ ދަރިފުޅަށް ޝާހީ ޓްރެޑިޝަންތައް ވެސް ދަސްވެ އެކަން ބަލައިގަންނަން ފުރުސަތު ލިބުމުގެ އިތުރުން އަމިއްލައަށް މިފަށާ އާ މަސައްކަތަށް ފޯކަސް ކުރުމަށް ވަގުތު އަދި ތަން ލިބޭނެ. އޭގެ ތެރޭގައި ފަށަން ގަސްދުކޮށްފައިވާ ޗެރިޓަބަލް އެންޓިޓީ ހިމެނޭ،" އިންސްޓަގްރާމް ޕޯސްޓުގައިވެއެވެ.
ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްރިންސް ހެރީ އެ ނިންމެވުން ނިންމެވީ މާމާފުޅު އަދި ރާނީ އެލިޒަބަތު ދެވަނަ އަދި ބޭބޭފުޅު ޕްރިންސް ވިލިއަމްއާ ވެސް މަޝްވަރާ ނުކުރައްވައެވެ. އަދި އެގޮތަށް އެކަން ކުރެއްވުމުން އެކަމާ ޝާހީ އާއިލާގެ ބޭފުޅުން ތިއްބެވީ ހިތްޕުޅުހަމަނުޖެހިފައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް ޕްރިންސް ހެރީގެ ދެކަނބަލުން ނެރުނު ޕޯސްޓާ ގުޅިގެން ބަކިންހަމް ޕެލެސް އިން އިއްޔެ ވަނީ ރަސްމީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ޕްރިންސް ހެރީ އަދި މޭގަންގެ އެ ނިންމެވުމާ ގުޅިގެން މަޝްވަރާތައް ފެށިފައިވާ ކަމަށެވެ. އަދި ހެރީގެ ދެމަފިރިން ޝާހީ އާއިލާއިން ދުރަށް ވަޑައިގަތުމަށް ނިންމެވި ނިންމެވުން ގަބޫލުކުރެވުނު ނަމަވެސް، އެއީ ވަރަށް ނާޒުކު މައްސަލައެއް ކަމަށާއި މައްސަލަ ހައްލުކުރުމަށް ވަގުތު ނަގާނެ ކަމަށް ބުނެފައިވެއެވެ.