އިރާނާ ސުލްހަވެރިވާން އެމެރިކާއިން އޮތީ ތައްޔާރަށް ކަމަށް އެގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް މިރޭ ވިދާޅުވެއްޖެއެވެ.
ޓްރަމްޕްގެ އަމުރަކަށް އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި އީރާނުގެ އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ކޮމާންޑަރު، ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުން އެކަމުގެ ވަރުގަދަ ބަދަލެއް ހިފާނެ ކަމަށް އީރާނުން ވަނީ އިންޒާރު ދީފައެވެ. އެގޮތުން ރޭގެ ވަގުތެއްގައި އިރާނުން ވަނީ އިރާގުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ހަމަލާދީފިއެވެ.
މިކަމާ ގުޅިގެން ގައުމާ މުހާތަބުކޮށް ވާހަކަފުޅުދައްކަވަމުން މިރޭ ޓްރަމްޕް ވިދާޅުވީ ރޭގައި އިރާނުން ދިން ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައި ނުވާ ކަމަށާއި މިލިޓަރީ ބޭސްތަކަށްވެސް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަަމަށެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ފޯސްތައް އޮތީ އަތުވެދާނެ ކޮންމެ ކަމަކަށްވެސް ވަރަށް ބޮޑަށް ތައްޔާރަށް ކަމަށެވެ. އަދި އިރާނު މިހާރުވެސް ދަނީ ބަލިވަމުން ކަމަށާއި ދުނިޔެއަށް ރަނގަޅު ގޮތަކީވެސް އެއީ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އިރާނަކީ ދުނިޔޭގައި އެންމެ ބޮޑަށް ޓެރަރިޒަމް ހިންގާ އެއް ގައުމު ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެގޮތުން އެމެރިކާ އިން ހަމަލާދީ އަވަހާރަކޮށްލި އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަކީ ޓެރަރިސްޓެއް ކަމަށާއި އޭނާގެ އަތް ވަނީ އެމެރިކާގެ އިތުރުން އިރާނުގެ ރައްޔިތުންގެ "ލެއިން ތަތްތެޅިފައި" ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ ސުލެއިމާނީއަކީ މީގެ މާ ކުރިންވެސް އަވަހާރަކޮށްލަން ވެފައި ހުރި މީހެއް ކަމަށެވެ. އަދި ސުލެއިމާނީ މަރާލުމަކީ ހުރިހާ ޓެރަރިސްޓުންނަށް ވެސް އެގައުމުން ދިން ވަރުގަދަ މެސެޖެއް ކަަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އިރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވަރުގަދަ ކުރާނެ ކަމަށާއި އެމެރިކާ އިން މިހާރުވެސް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި އީރާނަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި އެމެރިކާގެ ރައީސްގެ މަގާމުގައި އެމަނިކުފާނު ހުންނެވިހާ ދުވަހު އީރާނުގައި ނިއުކްލިއާ ހަތިޔާރު ބެހެއްޓިޔަ ނުދޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވީ އިރާނަކީ ރަނގަޅު ގައުމެއް ކަމަށާއި ނަމަވެސް އިރާނުން ގައުމުތަކުގެ މެދުގައި ރުޅިވެރިކަން އުފައްދައި ހަނގުރާމަ އުފެއްދުމަށް މަސައްކަތް ކުރާހާ ހިނދަކު މެދުއިރުމަތީގެ ގައުމުތަކުގައި ސުލްހަ މަސަލަސްކަން ގާއިމުވެގެން ނުދާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ހަތިޔާރު އެޅި ފޯސްތައް އޮތީ ކުރިއަށްވުރެ މާ ވަރުގަދަކޮށް ކަަމަށާއި އެގައުމުގެ ހަނގުރާމަ މަތީ މިސައިލުތައްވެސް ބާރުގަދަ ކަމަށެވެ. އަދި މިލިޓަރީ ހަތިޔާރުތައްވެސް އެބަހުރިކަން ފާހަަގަކުރައްވައި ޓްރަމްޕް ވިދާޅުވީ ހަތިޔާރު ހުއްޓަސް އެތަކެތި ބޭނުންކުރަން ބޭނުން ނުވާ ކަމަށެވެ.
އެމެރިކާއިން ހަތިޔާރު ބޭނުން ނުކުރާނެކަން ފާހަގަކުރައްވައި އިރާނުގެ ލީޑަރުންނާއި ރައްޔިތުންނަށް މުހާތަބުކުރައްވައި ޓްރަމްޕް ވިދާޅުވީ ބޭނުންވަނީ އިރާނަށް އެގައުމަށް ހައްގު، ފާގަތި އަދި އަމާން މުސްތަގުބަލެއް ލިބުން ކަަމަށެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ދުނިޔޭގެ ހުރިހާ ގައުމަކަށް ނިސްބަތްކުރައްވައި ޓްރަމްޕް ވިދާޅުވީ ސުލްހަ ބޭނުންވާ އެންމެންނާ ސުލަހަވާން އެމެރިކާއިން އޮތީ ތައްޔާރަށް ކަމަށެވެ.