މުހައްމަދު އައުޒަމް
އިރާން، އިރާގުގެ ވައިގެ ސަރަހައްދު ބޭނުން ނުކުރަން ސްރީލަންކަން އެއާލައިންސް އިން ނިންމައިފިއެވެ.
ސްރީލަންކަން އެއާލައިންސް އިން ނެރުނު ބަޔާނެއްގައިވާގޮތުން ގަލްފް ސަރަހައްދުގެ މަޝްރަހު ގޯސްވެފައިވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެސަރަހައްދުގެ ވައިގެ ސަރަހައްދު ބޭނުން ނުކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ކޮލަމްބޯ - ލަންޑަން - ކޮލަމްބޯ ފްލައިޓުގެ ރޫޓަށް ބަދަލު އަންނާނެ ކަމަށް އެއެއާލައިންސް އިން ވަނީ ބުނެފައެވެ.
ސްރީލަންކަން އެއާލައިންސް އިން ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ އެއާލައިންސް އިން މިހާރު ހިނގަމުންދާ ކަންތައްތަައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. ސްރީލަންކަން އެއާލައިންސް އިން އެންމެ ބޮޑަށް އަހައްމިއްޔަތުކަމެއް ދޭނީ ފަސިންޖަރުންނާއި ފަޅުވެރިންގެ ރައްކާތެރި ކަމަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ސްރީލަންކަންގެ އިތުރުން ދުނިޔޭގެ ބޮޑެތި އެއާލައިންތަކުންވެސް ވަނީ އިރާނުގެ ވައިގެ ސަރަހައްދު ބޭނުން ނުކުރުމަށް ނިންމައިފައެވެ. އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިން ވެސް ވަނީ އިރާގު، އިރާން ވައިގެ ސަރަހައްދު ބޭނުން ނުކުރުމަށް އަންގައިފައެވެ.