ދުނިޔެ

ޔޫކްރެއިންގެ މަތިންދާ ބޯޓެއް އީރާނަށް ވެއްޓިއްޖެ

މުހައްމަދު އައުޒަމް

ޔޫކްރެއިންގެ މަތިންދާބޯޓެއް އީރާނަށް ވެއްޓިއްޖެއެވެ.

އިރާނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، މަތިންދާ ބޯޓު ވެއްޓުނީ އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ އިމާމް ހާމަނާއީ އެއާޕޯޓުން 180 ފަސިންޖަރުންނާއެކު ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ފުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

ބޯއިން 737 މަރުކާގެ މި މަތިންދާ ބޯޓު ވެއްޓެން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ބޯޓު ވެއްޓުނު ސަރަހައްދުގައި އީރާނުގެ ރެސްކިއު ޓީމުތައް ހަރަކާތްތެރިވަމުން ދާއިރު އެ ހާދިސާގައި އެއްވެސް މީހަކު ސަލާމަތްވި ކަމެއް ވެސް ނޭނގެއެވެ.

އީރާނުގެ އިމަޖެންސީ ސާވިސްގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ، ފްލައިޓުގައި އަލިފާން ހިފާފައިވާ ކަމަށާއި ރެސްޕޮންސް ޓީމުގެ އަޕްޑޭޓް ލިބުމުން އިތުރު ތަފްސީލު ލިބޭނެ ކަމަށެވެ.

ޔޫކްރެއިން އެއާލައިންގެ ފްލައިޓު ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯ މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެ ވީޑިއޯގައި ފްލައިޓު ވެއްޓުމާއެކު ގޮވާ މަންޒަރު ފެނެއެވެ.