އީރާނުން އިރާގުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ހަމަލާދީފިއެވެ.
މި ހަމަލާތައް އީރާނުން ދީފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަމުރަކަށް އެގައުމުން ދިން ޑްރޯން ހަމަލާއެއްގައި އީރާނުގެ އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ކޮމާންޑަރު، ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުން އެކަމުގެ ވަރުގަދަ ބަދަލެއް ހިފާނެ ކަމަށް އީރާނުން އިންޒާރު ދީފައިވަނިކޮށެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އީރާނުން ރޮކެޓް ހަމަލާތަކެއް ދީފައިވަނީ އިރާގުގެ އަންމާރުގައި ހުންނަ އައިން އަލް އައްސަދު ބޭސްއަށާއި އިރްބިލްގައި ހުންނަ އެމެރިކާގެ ބޭސް އަކަށެވެ. އެ ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ބުނެއެވެ.
އެ ހަމަލާތަކާ ގުޅިގެން އީރާނުގެ އޮފިޝަލަކު ވިދާޅުވީ، އެމެރިކާގެ ބޭސްތަކަށް ދިން ރޮކެޓް ހަމަލާތަކަކީ ހަނގުރާމައެއް ފެށުމަށް ދިން ހަމަލާއެއް ނޫން ކަމަށާއި ނަމަވެސް އެއީ އީރާނުގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
އީރާނުގެ ހަމަލާތަކަށްފަހު އެމެރިކާގެ ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ، އެ ހަމަލާގައި ލިބިފައިވާ ގެއްލުން ބަލަމުންދާ ކަމަށާއި އީރާނުން ހަމަލާދިން ނަމަވެސް ހުރިހާ ކަމެއް ރަނގަޅު ކަމަށް ވިދާޅުވެފައެވެ. އަދި ދުނިޔޭގެ އެންމެ ފުރިހަމަ އަދި އެންމެ ބާރުގަދަ ހަތިޔާރު ހުރީ އެމެރިކާގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.