ކުއްލި ޚަބަރު

ފޯޖުކޮށްފައިވާ ސޮޔެއް ބޭނުންކުރި މައްސަލައެއް ބަލަމުންދާތީ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު ސަސްޕެންޑުކޮށްފި

ދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ފަނޑިޔާރުގެ ކަމުގެ މަސައްކަތުން ވަގުތީގޮތުން ސަސްޕެންޑުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމި އެ ނިންމުމާ ގުޅިގެން ބުނީ، ފަނޑިޔާރު އަބްދުއްރައްޒާގު ސަސްޕެންޑުކުރަން ނިންމީ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދާ މައްސަލައެއްގެ ޝަރީއަތަށް، އޭނާ ހުށަހަޅާފައިވާ އެއްބަސްވުމެއްގައިވާ ސޮޔަކީ ފޯޖުކޮށްފައިވާ ސޮޔެއްކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނުމުން ކަމަށެވެ.

އެގޮތުން ފަނޑިޔާރު އަބްދުއްރައްޒާގެ ސުލޫކީ މައްސަލަ ބެލުމަށާއި އޭނާ ފަނޑިޔާރުކަމުގެ މަސައްކަތުން މިއަދުން ފެށިގެން ވަގުތީގޮތުން ސަސްޕެންޑުކުރުމަށް މިއަދު ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.