އައިޖީއެމްއެޗް

އޮޕަރޭޝަނެއް ކުރުމަށް އަދީބު ތިއޭޓަރަށް ވައްދައިފި

ޝަހީދާ އަބްދުﷲ ސައީދު

އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އޮޕަރޭޝަނެއް ކުރަން ތިއޭޓަރަށް ވައްދައިފި އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޮޕަރޭޝަނެއް ކުރުމަށް، މިއަދު ހެނދުނު 8:30 ގައި އަދީބު ތިއޭޓަރަށް ވައްދާފައި ވާކަމަށެވެ.

އަދީބުގެ އޮޕަރޭޝަނަކީ ކިޑްނީގައި އުފެދިފައިވާ ހިލަތައް ނެގުން ކަމަށާއި، އަދީބު ބޭނުންފުޅު ވަނީ ރާއްޖެއިން ލިބެންހުރި ސިއްހީ ފަރުވާ ހޯދުން ކަމަށް ނަޝްވާގެ ޓުއީޓްގައި ވެއެވެ. އަދި ތަހުގީގަށް އެއްބާރުލުން ދެއްވުމަށްފަހު ނޫނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމަށް ވެސް އަނބިކަނބަލުން ނަޝްވާ ވިދާޅުވިއެވެ.

ތަފާތު ކުށްތަކުގައި 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުއަށް ސިއްހީ ގިނަ މައްސަލަތަކާއި ކުރިމަތިލާން ޖެހިވަޑައިގެންނެވި އިރު، ގައުމުން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަތުމަށް އާއިލާއިން މީގެކުރިން ވަނީ ކަމާބެހޭ ފަރާތުގައި އެދިފައެވެ.

މީގެ ހަފްތާއެއް ކުރިން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު، އަދީބުގެ ކިޑްނީގައި ހިލަ އުފެދިގެން މީގެކުރިންވެސް ޑޮކްޓަރު ވަނީ ބާރުގަދަ ބޭހެއް ބޭނުންކުރަމުން ދާތީ، އެދުވަސްތަކުގައި ގޭގައި މަޑުކުރެއްވުމަށް ލަފާދެއްވާފައެވެ.