ދުނިޔެ

ހަފްތާއަކު ހަތަރު ދުވަހު މަސައްކަތް ކުރަންޖެހޭ ގޮތަށް ފިންލޭންޑުގެ މަސައްކަތު ގަޑިތަކަށް ބަދަލު ގެންނަނީ

މިންހާ ފާއިޒް ރަޝާދު

3

ހަފްތާއަކު ހަތަރު ދުވަސް، ދުވާލަކު ހަ ގަޑިއިރު މަސައްކަތް ކުރާގޮތަށް ފިންލޭންޑުގެ މަސައްކަތު ގަޑިތަކަށް ބަދަލު ގެނައުމަށް އެގައުމުގެ އާ ބޮޑުވަޒީރު ސަންނަ މަރިން ހުށަހަޅުއްވައިފިއެވެ.

ގައުމެއްގެ ވެރިއެއްގެ ގޮތުގައި ދުނިޔޭގައި ހުރި އެންމެ ހަގު ވެރިޔާ، އުމުރުން 34 އަހަރުގެ ސަންނަ އެގޮތަށް ހުށަހެޅުއްވީ މަސައްކަތްކުރާ ފަރާތްތަކަށް އާއިލާއާއެކު ހޭދަކުރާ ވަގުތު އިތުރުކޮށްދިނުމަށެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އެންމެންވެސް އާއިލާއާއެކު ގިނަ ވަގުތު ހޭދަކުރަން ޖެހޭ. މީގެ އިތުރުން އެމީހެއްގެ ހޮބީ އާއި ދިރިއުޅުމުގެ ކަންކަމާއި އަދި ސަގާފަތް ވެސް ދަސްކުރުމަށް ވަގުތު ލިބެންޖެހޭ،" މިއީ "ވޯކިން ލައިފް"ގެ އާ މަރުހަލާއެއް ކަމަށް ފާހަގަކުރަމުން ސަންނަ ވިދާޅުވިއެވެ.

ސަންނަ އިތުރަށް ވިދާޅުވީ، ފިންލޭންޑާ އެންމެ ކައިރިން ސުވިޑެންގައި 2015 އިން ފެށިގެން މަސައްކަތް ކުރަންޖެހޭ ވަގުތަކީ ހަ ގަޑިއިރު ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ސަބަބުން މަސައްކަތްކުރާ މީހުން ފެނިގެންދަނީ މާ އުފާވެރިކޮށް، އުފެއްދުންތެރިކޮށް އަދި މުއްސަނދިކޮށް ކަމަށް ސަންނަ ފާހަގަކުރެއްވިއެވެ.

ބޮޑު ވަޒީރަށް ވުމުގެ ކުރިން ސަންނައަކީ ފިންލޭންޑްގެ ޓްރާންސްޕޯޓް މިނިސްޓަރެވެ. އޭރުވެސް އޭނާވަނީ ހަފްތާގައި މަސައްކަތްކުރާ ދުވަސްތައް މަދުކުރުމަށް ވަކާލާތު ކުރައްވައިފައެވެ.

މިވަގުތު ފިންލޭންޑުގެ މަސައްކަތު ވަގުތަކީ ހަފްތާއަކު ފަސް ދުވަހު، ދުވާލަކު އަށް ގަޑިއިރެވެ. މަސައްކަތުގެ ވަގުތު ކުރު ކުރަން ސަންނަ ހުށަހެޅުއްވި ހުށަހެޅުމަށް އެގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ލި އެންޑޭސަން ވެސް ވަނީ ތާއީދު ކުރައްވައިފައެވެ. އޭނާއަކީ ސަރުކާރު ކޯލިޝަންގެ އެއް ޕާޓީކަމަށްވާ ލެފްޓް އެލައެންސްގެ ލީޑަރެވެ.

ޖަޕާނުގެ މައިކްރޯސްފޮޓް ކުންފުނިން ވެސް ވަނީ ވޯކްލައިފް ބެލެންސް ކުރުމުގެ ގޮތުން މަސައްކަތްކުރާ ދުވަސްތައް ހަފްތާއަކު ހަތަރު ދުވަހަށް ބަދަލުކޮށްފައެވެ. އޭގެ ސަބަބުން އެ ކުންފުނީގެ އުފެއްދުންތެރިކަން ވަނީ 39.9 ޕަސެންޓް މައްޗަށް ގޮސްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟