ކ. ކަގި ކައިރިއަށް ފަރަށް އެރި މުދާ އުފުލާ ދޯންޏެއްގައި ހުރި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، "ޓީޓީއެސް ފާން" ނަމަކަށް ކިޔާ އެ ދޯނި ކ. ކަގި ފަރަށް އެރިކަމުގެ މައުލޫމާތު މޯލްޑިވްސް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ މިއަދު ހެނދުނު 8:09 ގައި ކަމަށެވެ. ހާދިސާ ހިނގިއިރު ދޯނީގައި ތިބީ ކެޕްޓަނަކަށް ހުރި ދިވެއްސަކާއި ދެ ބިދޭސީން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އެމްއެންޑީއެފުން ބުނީ، ގެއްލިގެން ހޯދަމުން ދަނީ 37 އަހަރުގެ ދިވެހި މީހާ ކަމަށާއި އޭނާގެ ދަބަހާއި ފޯނު ދޯނީގައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ރިޕޯޓާ ގުޅިގެން އެމްއެންޑީއެފް ކޯސްޓް ގާޑު ލޯންޗު އެފްއައިސީ، ވެލާނާ މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ވެސް މީހަކު ގެއްލިގެން އެމްއެންޑީއެފުން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.