މުހައްމަދު އައުޒަމް
ޖަޕާނުގައި 276 ކިލޯގެ ބޮޑު ކަންނެއްޔެއް 1.8 މިލިއަން ޑޮލަރަށް ނީލަން ކިޔައިފިއެވެ.
ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ޓޮޔޮސު ފިޝް މާކެޓްގައި ނީލަން ކިޔާފައިވާ މި ކަންނެއްޔަކީ ޖަޕާނުގައި ދެވަނައަށް އެންމެ އަގުބޮޑުކޮށް ނީލަމުގައި ވިއްކާލި ކަންނެއްޔެވެ.
276 ކިލޯގެ ބަރުދަނުގެ މިކަންނެލި ނީލަމުން ގަނެފައިވަނީ އެގައުމުގެ ސުޝީ އުފެއްދުމުގެ މަޝްހޫރު ރެސްޓޯރަންޓް ސުޝިޒަންމައި އިން ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ. އެކުންފުނިން ނީލަން ކާމިޔާބުކުރީ ކިލޯއެއް ހަތް ލައްކަ ޔެންގެ ރޭޓުންނެވެ.
ޖަޕާނުގެ ސުޝިޒަންމައި ރެސްޓޯރަންޓް ޗެއިންގެ ވެރިޔާ ވަނީ މި ކަންނެލި ނީލަމުން ކާމިޔާބު ކުރުމަކީ ވަރަށް ތާރީހީ ކަމެއް ކަމަށް ބުނެފައެވެ. އޭނާ ވަނީ މިއަހަރުގެ ފުރަތަމަ ނީލަން ކާމިޔާބުވުމުން އެކަމަކީ ބޮޑު ކާމިޔާބެއް ކަމަށް ބުނެފައެވެ.
ޖަޕާނުގައި މިދިޔަ އަހަރު ވަނީ 333.6 މިލިޔަން ޔެން އަށްވެސް ކަންނެއްޔެއް ނީލަން ކިޔައިފައެވެ.