ރާއްޖޭގެ ފުރަތަމަ އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަން ޑރ. ފަތުހުﷲ ސައީދު އައިޖީއެމްއެޗްގައި ހިދުމަތް ކުރައްވަން ފައްޓަވައިފިއެވެ.
އައިޖީއެމްއެޗް އިން ބުނީ، މިއަދުން ފެށިގެން ޑރ. ފަތުހުﷲ އައިޖީއެމްއެޗްގައި ހިދުމަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި ޑރ. ފަތުހުﷲ ސައީދު އައިޖީއެމްއެޗްގެ އޯޕީޑީގައި ބަލި މީހުން ބެއްލެވުމާއި މި ސްޕެޝަލިޓީ އާއި ގުޅުންހުރި ހިދުމަތްތައް ކުރިއަށްއޮތް ދުވަސްތަކުގައި ދެއްވަމުން ގެންދަވާނެ ކަމަށެވެ.
އާންމުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހައްދާ އުސޫލުން ޑރ. ފަތުހުﷲ އަށް ވެސް އެޕޮއިންޓްމަންޓު ހެއްދޭނެ ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.
އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަރީއަކީ އަނގަ، މޫނު އަދި ކަނދުރާގެ ސާޖަރީ ތަކަށް ހާއްސަ ފަރުވާދޭ ސްޕެޝަލިޓީއެކެވެ.
އެގޮތުން އުފެދުމުގައާއި އިންޖަރީ ވެގެން މޫނުމަތީގައިވާ އައިބުތައް (ކްލެފްޓް ޕެލެޓް ފަދަ)، ޓްރޯމާ ފަރުވާ، އަދި އަނގައިގެ ކެންސަރު ދެނެގަތުމާއި ސާޖަރީ ކުރުން، ފޭޝަލް ކޮސްމެޓިކް ސާޖަރީ، ކޯ ކަށިގަނޑުގެ ބަލިތަކާއި މޫނުމަތީގެ އެކިއެކި ދަތުތަކަށް ފަރުވާދިނުން، އިމްޕްލާންޓް ސާޖަރީ ކުރުންފަދަ ކަންކަމާއި އެފަދަ އިތުރު ކަންކަމަށް ފަރުވާ ކުރުން ހިމެނެއެވެ.
އައިޖީއެމްއެޗްގައި ރާއްޖޭގެ ފުރަތަމަ މޫނާއި ކަނދުރާގެ ސާޖަރީތަކަށް ހާއްސަ ސާޖަން ހިދުމަތް ކުރައްވަން ފައްޓަވާފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި އެކުއެޓިކް ފިޒިއޮތެރަޕީގެ ހިދުމަތް އައިޖީއެމްއެޗްގެ ދަރުމަވަންތަ ކޮމްޕުލެކްސްގައި ދޭން ވަނީ ފަށައިފައެވެ. މިއީ ވާންވެފައިވާ ހުޅުތަކުގައި ހުންނަ ރިހުންތަކާއި މަސްފަށަލަތަކަށް ދޫޖެއްސުމަށް އެހީތެރިވެދޭ ފަރުވާއެކެވެ.
އޭގެ އިތުރުން ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ގޮހޮރުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއް ވެސް މިދިޔަ މަހުގެ ތެރޭގައި އައިޖީއެމްއެޗްގައި ވަނީ ބަލި މީހުން ބައްލަވަން ފަށައިފައެވެ.