މުހައްމަދު އައުޒަމް
އަލިފާނުގެ ދުމުން އޮސްޓްރޭލިއާގެ އިރު ދެކުނު ސަރަހައްދުގެ އުޑުމަތި ރަތް ކޮށްލައިފިއެވެ.
އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ އުޑުމަތި ރަތް ވެފައިވާ ފޮޓޯތައް މީސްމީޑިއާގައި ވަނީ ވައިރަލްވެފައެވެ. ފޮތޯތަކުން ފެންނަގޮތުން ނިއު ސައުތު ވޭލްސް ސަރަހައްދު އުޑުމަތި ދުންބޯވެ މުޅި އުޑުމަތި ވަނީ ރަތްވެފައެވެ.
އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި، އަނދަމުންދާ އަލިފާންގަނޑު ކޮންޓްރޯލްނުވެ އިތުރަށް ފެތުރެމުން ދާއިރު އެގައުމުގެ ނިއު ސައުތު ވޭލްސްގައި ވަނީ ކުއްލި ހާލަތު އިއުލާން ކޮށްފައެވެ. އަލިފާން ކޮންޓްރޯލް ކުރުމަށް ދަތިވެފައިވަނީ އަލިފާންގަނޑު ފެތުރޭ ބާރުމިނާ އެއްވަރަށް އަލިފާން ނުނިއްވުމުގެ ސަބަބުންނާއި ހޫނުގަދަވުމުގެ ސަބަބުން ކަމަށް އެގައުމުގެ ފަޔާ ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.
ނިއު ސައުތު ވޭލްސްގެ އެކި ހިސާބުތަކުން މިހާތަނަށް 1300އަށް ވުރެ ގިނަ ގެ ދިރިނޫޅެވޭ ވަރަށް ގެއްލުންވެފައިވާ އިރު، 442 ގެއަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނިއު ސައުތު ވޭލްސްއަށް ކުރިމަތިވެފައިމިވާ ކާރިސާގައި މިހާތަނަށް 17 މީހުން މަރުވެފައިވާ ކަމަށް އޮސްޓްރޭލިއާގެ ސަރުކާރުން މައުލޫމާތު ދެއެެވެ.